ފ. ނިލަންދޫގައި 50 ފޫޓުގެ ރުކަކަށް އަރައި އުޅެނިކޮށް ވެއްޓި އަނިޔާވި ޒުވާނެއްގެ ހާލު ސީރިއަސްވެ އައިޖީއެމްގައި ފަރުވާދެމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

ރުކަކަށް އަރާ އުޅެނިކޮށް ވެއްޓިފައިވަނީ އެ ރަށު އަހިމާގޭ އަހުމަދު އިރުފާން، 22އެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އިރުފާނުގެ އާއިލާއިން ބުނީ އިރުފާނު ރުކުން ވެއްޓުނު ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 8:15 ހާއިރު ކަމަށެވެ.

ކައުންސިލްގެ ރައީސް އަލީ އަހުމަދު "ދަ ޕްރެސް" އަށް ވިދާޅުވީ މީގެ ކުރިންވެސް އިރުފާނަކީ އާއިލާ މީހުންގެ އިތުރުން ރައްޓެހިން ބުނެގެންވެސް ކާށި އަޅައިދޭން ރުއްރުކަށް އަރާ މީހެއް ކަމަށެވެ. އެގޮތުން މިއަދު ވެސް އިރުފާނު ރުކަށް އެރީ ކާށި އަޅާއިދޭން ކަމަށާއި ވެއްޓުނީ އެ ރުކުގެ އެންމެ މަތީގައި އިންދާ ކަމަށެވެ.

ނިލަންދޫގައި ޒުވާނާ ވެއްޓުނު 50 ފޫޓުގެ ރުއް

އިރުފާނުގެ އާއިލާއިން ބުނީ އޭނާ ވެއްޓުނީ މޫނުވަތަށް ކަމަށާއި މޫނު މައްޗާއި އަނގަމަތި ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އަލީ އަހުމަދު ވިދާޅުވީ، އިރުފާން ވެއްޓުނު ގޮތަށް ކަނާތު ފައި ބިންދައިގެން ގޮސް ކަކުލު ހުޅުން އަނެއް ކޮޅަށް އޮތީ އެނބުރިފައި ކަމަށެވެ. އަދި ފައިގެ ފަލަމަސްގަނޑުގެ ކަށި ވެސް ހުރީ ބިންދައިގެން ގޮސްފައި ކަމަށް ވިދާޅުވިއެވެ.

"ކަނާތު ފައިގެ ފަލަމަސްގަނޑުގެ ވެސް ކަށިގަނޑު އެއްކޮށް ބިންދައިގެން ގޮސްފައި ހުރީ. ހުޅުން ފައި ހުރީ އަނެއް ފަރާތަށް އެނބުރިފައި،"
ފ. ނުލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު

އާއިލާއިން އިތުރަށް ބުނީ އިރުފާނު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނާރާ ކަމަށެވެ. އަދި އިރުފާނަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލް މިރޭގެ ވަގުތެއްގައި އާއިލާއާ ހިއްސާކުރާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެއެވެ.