މިސްކިތްތަކަށް ކުޑަކަމުގޮސް އަދި އިބްރާހީމް މިސްކިތުގައި ބާއްވާފައި އޮތް ހަތިމަކަށް ކުޅު ޖެހި ހަސަން ޒިޔާދުގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ ޒިޔާދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީން އެޓެންޑްކޮށް ބެލިބެލުމުން، އޭނާއަކީ ނަފްސާނީ މައްސަލައެއް ހުރި ފަރާތެއް ކަމަށް ފާހަގަ ކުރެވިފައި ނުވާތީ، މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެންޑީއޭއަށް ރިފާ ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ގާތުން މޮނިޓާ ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޒިޔާދު އިއްޔެ އިބްރާހީމް މިސްކިތަށް އަރާ ހަތިމަކަށް ކުޅު ޖެހުމުން، އެވަގުތު މިސްކިތުގައި ތިބި މީހުން އޭނާ ފުލުހުންނާ ވަނީ ހަވާލު ކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، ހަވީރު 4:03 ހާއިރު ޒިޔާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މި މައްސަލަ ބަލަމުންދާ ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން، ޒިޔާދު ވަނީ މަޣްރިބް ނަމާދު ވަގުތު އިސްލާމީ މަރުކަޒަށް އަރާ އެ މިސްކިތުގެ ތެރެއަށް ކުޑަކަމު ގޮސްފައެވެ. މީގެ އިތުރުން އޭނާ ވަނީ ހުކުރު މިސްކިތުގެ ތެރެއަށާއި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ވެސް ކުޑަކަމު ގޮސްފައެވެ.

މި މައްސަލައިގައި ޒިޔާދު ހައްޔަރު ކޮށްފައި ވީ ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ. ޒިޔާދު ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާ އޮތް ކަމަށާއި މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. ހަމައެއާއެކު، އޭނާގެ އާއިލާގެ ފަރާތުން އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށާއި، މިހާތަނަށް ބެލިބެލުމުން އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.

އެއަށްފަހު، އިސްކަންދަރު މިސްކިތުގެ ހަރިންމައިގެ ތެރެއަށް އޭނާ ކުޑަކަމުގޮސްފައިވާއިރު، މަޖީދީމަގުގައި ހުންނަ ކެފޭއަކަށް ވަދެ، އެތަނުގައި ހުރި ތަކެއްޗަށްވެސް ގެއްލުންދީފައިވެއެވެ.