މިނިމަން ވޭޖު ކަނޑައެޅުމުގައި ގިނަ ކަންކަމަށް ބަލާފައި ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ މާދަމާ މިނިމަމް ވޭޖް ކަނޑައެޅުމަށް ނިންމާފައި ވާއިރު މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަރަށް ގިނަ ކަންކަމަށް ބަލާފައިވާ ކަމަށެވެ.

ނަމަވެސް މައިގަނޑު ގޮތެއްގައި ބަލާފައި ވާނީ އިގްތިސާދީ ގޮތުން ވިޔަފާރިތަކަށް ދެވޭނެ އަދަދަކާއި އެންމެ އެކަށީގެންވާ އުޖޫރަޔާއި ދެމެދުގެ އަދެދެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިނިމަމް ވޭޖް ބޯޑުުން އިކޮނޮމިކް މިނިސްޓަރަށް އެރުވި ލަފާގައި ވަނީ ޕްރައިވެޓް ސެކްޓާގައި، ކުދިފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5,000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. ޕްރައިވެޓް ސެކްޓާގައި، މެދުފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ.

ޕްރައިވެޓް ސެކްޓާގައި، ކުދި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، 8،900 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމުގެ އިތުރުން ޕަބްލިކް ސެކްޓާގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ ދިނުމަށް ވަނީ ލަފާދީފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށް ފަހު ލަފާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު، ޖުމްލަ 5 އަހަރު ދުވަހަށް އިތުރުކުރުމަށް ލަފާދީފައިވެއެވެ.