ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީން) އެކުލަވާލި އިންކުއަރީ ރިޕޯޓުގައި އިސްލާހުކުރަން ލަފާދީފައި ހުރި ކަންކަން ތަންފީޒުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޑިފެންސް މިނިސްޓްރީގެ ހަރަދަށް ހިމަނާފައި ވަނީ 1.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓް ތަންފީޒު ކުރަން 50 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގި އެ އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް އެ ރިޕޯޓް އަރުވާފައިވެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ.