ސަރުކާރުގެ މަސައްކަތަށް ހުރަސްނާޅާ އަދި ރައްޔިތުންނަށް ހަމަހަމަކޮށް ހިދުމަތްދޭ ކަމަށް ވަނީނަމަ ސިވިލް ސާވިސް މުވައްޒަފުންނަށް މިނިވަން ކަމާއެކު ސިޔާސީ ކަންކަމުގައި އުޅެވެން ވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިފަދައިން ވިދާޅުވީ މަސައްކަތުގެ ރަސްމީ ގަޑިން ބޭރުން ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރެވޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ގާނޫނުގެ ދަށުން ހެދި ގަވާއިދަށް އިސްލާހު ގެނެސް އާއްމު ކުރުމާ ގުޅިގެންނެވެ.
މަހުލޫފު ވިދާޅުވީ ސަރުކާރުގެ މަސައްކަތަށް ހުރަސްނާޅާ އަދި ރައްޔިތުންނަށް ހަމަހަމަކޮށް ހިދުމަތްދޭނަމަ ސިވިލް ސާވިސް މުވައްޒަފުންނަށް މިނިވަން ކަމާއެކު ސިޔާސީ ކަންކަމުގައި އުޅެވެންވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ޔޫތު މިނިސްޓްރީގައި ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުން އުޅުއްވާއިރު މަސައްކަތުގެ ސްޕީޑު ހުރީ ރަނގަޅަށް ކަމަށެވެ.
ސިވިސް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާގެ ފޮޓޯއެއް ހިއްސާކޮށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ކަންކަމުގައި އުޅުން މަނާކުރީ މިހާރުއެއް ނޫން ކަމަށާއި އެކަމަކީ 2015 ވަނަ އަހަރު ސިވިލް ސާވިސް ގާނޫނަށް ގެނައި 3 ވަނަ އިސްލާހްގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ. އަދި ގަވާއިދު އިސްލާހު ކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.
އެ އިސްލާހަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ފާޑުވިދާޅުވެފައެވެ. އާދަމް ޝަރީފް ވިދާޅުވީ އެހެން މީހުންގެ "ބޮލަށް ކެނޑުމަކީ" އެންމެ ނާގާބިލު ކަމުގެ ސިފަ ކަމަށާއި ސީއެސްސީން އެ ސިފަ ފެނުމުން ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ނުކޮށްދެވޭނެ ކަމަށެވެ. އަދި އާދަމް ޝަރީފް ވަނީ މި ސަރުކާރުން ދެން އެ ކަން އިސްލާހު ނުކޮށް ގަވާއިދު އާންމު ކުރީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.
އިއްޔެ އާއްމުކުރި އެ އިސްލާހަށް މީގެ ދެ މަސް ފަހުން އަމަލުކުރަން ފަށާއިރު، އޭގައި ތިން ދަރަޖައެއްގެ ކުށްތައް ބަޔާންކޮށްފައި ވެއެވެ.
ސިވިސްލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ސިވިލް ސާވިސް ގަވައިދު 2014ގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދެ (ހ) ގައި ބުނެފައި ވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.
އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މުވައްޒަފުގެ މަގާމުގެ މަސްލޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވެސް ވަޒީފާ ގެއްލޭނެ ކަމަށެވެ.
އޭގެ އިތުރުން، އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަފާތުކުރުމެއް ގެންގުޅޭނަމަ ވެސް ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އެފަދަ އަމަލެއް ކޮށްފި މުވައްޒަފަކަށް އެއްވެސް އެންގުމަކާއި ނުލައި ވަގުތުން ވަޒިފާއިން ވަކި ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.