އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް މުނޫ މަހާވަރު މިއަދު އައްޔަން ކުރައްވައިފިއެވެ.

މުނޫ މަހާވަރު ރާއްޖެއަށް ސަފީރެއްގެ ގޮތުގައި އިންޑިއާއިން ކަނޑައަޅާފައި ވަނީ، މީގެ ކުރިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު ޔޫއޭއީއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނު ކުރެއްވުމާ ގުޅިގެންނެވެ.

ސަންޖޭ ސުދީރު ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތީ މާޗް 2019 ގައެވެ.

ރާއްޖެއަށް ސަފީރެއްގެ ގޮތުގައި މަހާވަރު ކަނޑައަޅައި، އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް މަގާމުގެ ފަތްކޮޅު އެރުއްވީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދެވެ.

މަހާވަރު އެންމެ ފަހުން ހުންނެވީ އިންޑިއާއިން އޮމާނަށް ކަނޑައެޅި ސަފީރުގެ މަގާމުގައެވެ.