އެޗްޑީސީ އާ ގުޅިގެން އުރީދޫން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިންޓަނެޓުގެ ހިދުމަތްތައް ތައާރަފް ކޮށްފިއެވެ.

އެގޮތުން، އުރީދޫގެ ހައި ސްޕީޑް ފައިބާ ހޯމް ބްރޯޑްބޭންޑާއި، ސުޕަނެޓްގެ ހިދުމަތް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ތައާރަފް ކޮށްފައިވަނީ މިއަދު ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ހާއްސަ ހަފްލާއެއްގައެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އުރީދޫން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެކުންފުނީގެ އިންޓަނެޓުގެ ހިދުމަތްތަކަށް އެދޭ ފަރާތްތަކަށް އިންޓަނެޓު ކަނެކްޝަން އާއި އިންސްޓޯލްމެންޓް ފީ އާއި ރައުޓަރު ހިލޭ ކޮށްދީފައިވާނެ ކަމަށާއި، ލޭންޑްލައިން ފޯނެއްވެސް އެ ފަރާތްތަކަށްވެސް ހިލޭ ލިބޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުރީދޫގެ އިންޓަނެޓުގެ ހިދުމަތްތަކާ އެކު، އިންޓަނެޓުގެ ފުރިހަމަ ފައިދާ ލިބިގަތުމަށް މަގުފަހި ކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ އުފަލެއް ކަމަށް ވިދާޅުވެ، ސުޕަނެޓަށް ގެނެވުނު ބަދަލުތަކުގެ ތަފްސީލް ހިއްސާ ކުރެއްވިއެވެ.

"އުރީދޫ މޯލްޑިވްސްގެ މިޝަންއާއި އެއްގޮތުގެ މަތިން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް މުޖުތަމައުތައް ގުޅުވާލަދިނުމަކީ އަޅުގަނޑުމެން އަބަދުވެސް އިސްކަންދޭ ކަމެއް. ޑިޖިޓަލް ހިދުމަތްތަކުގެ މުހިންމުކަން އިތުރުވެފައިވާއިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް." ނިޔާޒް ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހު އިންޓަނެޓުގެ އަގުތަކަށް ގެެނެވުނު ބަދަލުތަކާ އެކު، އުރީދޫން ވަނީ ސުޕަނެޓް ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހުރިހާ ޕެކޭޖެއްގެ ޑޭޓާ އެލޮވެންސްތައް އިތުރުކޮށްފައިވާއިރު، ބާކީވާ ޑޭޓާ ޖެހިގެން އޮންނަ މަހަށް ރޯލްއޯވާ ވާ ގޮތްވެސް އުރީދޫން ވަނީ ހަމަޖައްސާފައެވެ.

އުރީދޫން ބުނީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް މިހާރު ސުޕަނެޓުގެ ހިދުމަތް ދެމުންދާ ކަމަށާއި، އެ ހިދުމަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެ ކަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އިންޓަނެޓުގެ ހިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.