މަސައްކަތުގެ ރަސްމީ ވަގުތުގައި، ނުވަތަ ރަސްމީ މަސައްކަތްތަކުގައި އުޅޭ ވަގުތު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެއްޖެނަމަ، ވަޒީފާއިން ވަގުތުން ވަކި ކުރެވޭ ގޮތަށް، ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

އިސްލާހު ކޮށްފައިވާ ގަވާއިދުގައިވާ ގޮތުން، ރަސްމީ ވަގުތުގައި ސިޔާސީ ވާހަކަ ދެއްކުން ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވާއިރު، ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި ސިޔާސީ ބަހުސްކުރުން ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، މަސައްކަތުގެ ރަސްމީ ވަގުތުގައި، ނުވަތަ މަސައްކަތުގެ އެއްވެސް ވަގުތެއްގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާ، މިފަދަ ކަމެއް ކޮށްފިނަމަ، ވަޒީފާއިން ވަކި ކުރާނެއެވެ.

ހަމަ އެއާއެކު، މުވައްޒަފެއް އޭނާގެ ޒިންމާ އަދާކުރާއިރު ވަކި ކޮޅަކަށް ބުރަވެ ހުންނަކަން ދޭހަވާ ފަދަ ގޮތަކަށް، ނުވަތަ ޒިންމާތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުންވެސް އޭނާ ވަޒީފާއިން ވަކި ކުރެވޭނެއެވެ. އޭގެ ތެރޭގައި އެހެން މީހުންނަށް ހިދުމަތް ދޭއިރު ސިޔާސީ ފިކުރާ ގުޅުވައިގެން ތަފާތުކުރުން ގެންގުޅުން ހިމެނެއެވެ.

ނަމަވެސް ރަސްމީ މަސައްކަތު ނޫން ގަޑިތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ.

މި ގަވާއިދު އިސްލާހު ކުރުމުގެ ކުރިންވެސް، ސިޔާސީ އެކި ކަންތައްތަކާ ގުޅިގެން ހުރިހާ ސަރުކާރަކުންވެސް މުވައްޒަފުން ވަކި ކޮށްފައިވާއިރު، އެކަމާ ގުޅިގެން ހުރިހާ ސަރުކާރަކަށްވެސް ފާޑުކިއުންތައް އަމާޒުވެއެވެ.