އައްޑޫ ސިޓީއިން ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 87 އަހަރުގެ އަންހެނެކެވެ.

ނަމަވެސް އެކަން ރަސްމީ އިދާރާއަކުން އަދި އަންގާފައެއް ނުވެއެވެ.

މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 245 އަށް އަރާފައެވެ. އަދި އައްޑޫން މިބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 10 އަށް އަރާފައެވެ.

އަދި މިއީ މި މަހުގެ ތެރޭގައި މަރުވި ދެވަނަ މީހާއެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 196 މީހަކު މަރުވެފައެވެ.

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 458 ދުވަސް ވެފައެވެ. މި ވޭތުވެ ދިޔަ 19 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ.