ލީކުވި އޯޑިއޯ މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ދެ މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ކޮށްފިއެވެ.

ޖޭއެސްސީން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައި ވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ހިމެނޭ ކަމަށެވެ.

އެހެން ކަމުން އެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށާއި، އޭނާގެ ސުލޫކީ މައްސަލައާ ގުޅިގެން، އެ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، (ގާނޫނު ނަންބަރު 10/2008) ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ)ގެ ދަށުން، 2 މަސް ދުވަހަށް ސަސްޕެންޑް ކުރާ ކަމަށެވެ.

ކޮމިޝަނުން އެ ފިޔަވަޅު އެޅުމުގައި އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ލ) އަށް ވަނީ ރިޔާއަތް ކޮށްފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯ ކަމަށް ބުނެ ސޯޝަލްމީޑިއާގައި އާންމު ވި އޯޑިއޯތަކުގެ ތެރެއިން ގާޒީ އަލީ އާދަމްގެ އަޑާއި ގާޒީ މުހައްމަދު ސަމީރުގެ އަޑާ ލީކް ވި އޯޑިއޯޔަކާ ދިމާނުވާކަން ޖޭއެސްސީން ވަނީ ބުނެފައެވެ.

ފުލުހުންގެ ތަހުގީގަށް ބިނާކޮށް އެ ކޮމިޝަނުން ބުނީ، އެ ތިން ފަނޑިޔާރުންގެ އޯޑިއޯއަކީ ޓެމްޕާކޮށް، ވަކި ބައިތަކެއް ޑިލީޓްކޮށް، ނުވަތަ ވަކި ކްލިޕްތަކުން ގުޅުވާފައިވާ އޯޑިއޯތަކެއް ކަމަށެވެ.

އަދި ގާޒީ ފާއިޒުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯވެސް އޮތީ ޓެމްޕާކޮށްފައި ކަމަށާއި، ނަމަވެސް އޯޑިއޯގައިވާ އަޑާއި އޭނާގެ އަޑު ދިމާވާ ކަމަށް ފުލުހުން ކުރި ތަހުގީގަށް ހާމަވި ކަމަށެވެ.