އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން އުރީދޫގެ އެންމެހާ ހިދުމަތްތައް ދިނުމާގުޅޭ އެސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.
އެޗްޑީސީން ބުނީ، މި އެއްބަސްވުމުގައި ސޮއެިކުރުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުރީދޫގެ ހިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބިގެންދާނެ ކަމަށެވެ. އަދި، ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެ ކަމަށެވެ.
އިންޓަނެޓް އަދި ޓީވީ ފަދަ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ވެސް އެއްވިއުގައެއް ބޭނުންކޮށްގެން ހިދުމަތް ދެވޭގޮތަށް އެޗްޑީސީން ފަރުމާކޮށްފައިވާ މި އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހިދުމަތް ދޭން މިހާރު ވަނީ ދިރާގު އަދި މީޑިއާނެޓުން ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ، އެކުންފުނީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއްގެ މައިގަނޑު ވިއުގައެއް ކަމަށެވެ. މީގެ ޒަރީއާއިން އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގަ ތަކުން އަވަސްކަމާ އަދި ހިދުމަތް ދިނުމަށް، ހަރަދުކުޑަވާނެ ގޮތަކަށް ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުފަހިވެގެން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީއިން އިސްނަގައިގެން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.
އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓާއި ޓީވީ އަދި އެހެނިހެން އެފަދަ ހިދުމަތްދޭ ފަރާތްތަކަށް ފުރިހަމަ ކަމާއެކު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށް ދިނުމުގައި ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ދެއެވެ.