ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު، ޖުމްލަ ހަތަރު ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، ރައީސް އޮފީހަށް ފޮނުވައިފިއެވެ.

މިގޮތުން، އެޓާނީ ޖެނެރަލް އޮފީހުން ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން، އިތުރު ތިން ބިލެއް ރައީސް އޮފީހަށް ފޮނުވާފައެވެ. އެ ތިން ބިލަކީ:

  • ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތިން ވިޔަފާރިކުރުމުގެ ބިލް
  • ފެނާއި ނަރުދަމާގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލް
  • ކޯޓުތަކުގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލް

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ފަށައި، އެ ދައުރު ދެބައިވިއިރު، ސަރުކާރުން މި ދައުރުގައި ފޮނުވަން ލިސްޓުކުރި 32 ބިލުގެ ތެރެއިން މިހާތަނަށް ފޮނުވުނީ އެންމެ ހަތަރު ބިލެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ނަޝީދުގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން، ސަރުކާރުން މީގެ 10 ދުވަސް ކުރިން ބުނީ މަޖިލީހަށް ބިލްތައް ފޮނުވަން ލަސްވަނީ ބިލްތައް ފަރުމާކުރަން ވަގުތު ނަގާތީ ކަމަށާއި، ހަފްތާއެއްގެ ތެރޭ ހަތަރު ބިލު މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

މަޖިލީހަށް މިހާތަނަށް ސަރުކާރުން ފޮނުވި ހަތަރު ބިލުގެ ތެރެއިން ތިން ބިލެއް ކޮމިޓީ މަރުހަލާގައި އޮތް އިރު، އަނެއް ބިލް އޮތީ ބަހުސްގެ މަރުހަލާގައެވެ.