ކޮޕް26 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު، ޓްރެވަލް އެންޑް ޓޫރިޒަމްގެ މާކެޓުތަކަށް އަމާޒުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވެ ވަޑައިގަތުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަންޑަނަށް ވަޑައިގެންފިއެވެ.

ލަންޑަނުގައި އޮންނަ ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ވަޑައިގެންނެވީ، ސްކޮޓްލޭންޑްގެ ގްލާސްގޯގައި އޮތް ކޮޕް26 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހުގައެވެ. މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސެއް މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކޮޕް26 ސަމިޓުގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ވަނީ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން ދިވެހިންނަށް ވެސް ދިރިއުޅެވޭނެ ރައްކާތެރި ތަނެއް ހައްގު ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަކީ އަދަދުމަދު ބަޔަކަށް ވެސް ވެދާނެ، އެކަމަކު އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ކާރިސާއެއްގެ ނުރައްކަލެއް ނެތި، އަމިއްލަ ގައުމުގައި ދިރިއުޅުމުގެ ހައްގުން އެއްވެސް މިންވަރެއް އުނިވެގެން ނުވާނެ." ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭސްތައް މަދުކުރުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކާއި، 2030 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯ ހާސިލްކުރުމަށް ރާވާފައި ހުރި ކަންތައްތަކަށް އަލި އަޅުއްވާލާފައިވެއެވެ.

އަދި ކޮޕް26 ގައި ނިންމާ ނިންމުންތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ބަރޯސާވާކަމަށާއި، މި ހާލަތުން އަރައިގަތުމަށްޓަކައި ރަނގަޅު ނިންމުންތައް ނިންމުމަށް ދުނިޔޭގެ ލީޑަރުންނަށް ރައީސް ވަނީ ބާރު އަޅުއްވާފައެވެ.