މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ސްކޮޓްލޭންޑްގެ ގްލަސްކޯގައި ކުރިއަށް ދިޔަ ކޮޕް26 ސަމިޓްގައި މިކަމާ ގުޅޭ އެއްބަސްވުމެއް ގާއިމު ކޮށްފިއެވެ.
'ދަ ގްލަސްކޯ ކްލައިމެޓް ޕެކްޓް' ގެ ނަން ދީފައިވާ މި އެއްބަސްވުމަކީ ދުނިޔޭގެ ޖައްވަށް އެންމެ ގިނައިން ވިހަ ގޭސްތައް ދޫވާ އެއްސަބަބު ކަމަށްވާ ބޯޓު ދެލި އެންދުން ކަނޑައެޅިގެން މަދުކުރުމަށް ވަކި ވަކި ފިޔަވަޅުތައް އެޅުމަށް ގޮވާލާ ފުރަތަމަ އެއްބަސްވުމެވެ.
ބޯޓު ދެލި އެންދުން މަދުކުރުމަކީ އެއްބަސްވުން ގާއިމުކުރުމުގެ ފުރަތަމަ މަރުހަލާގައި ފޯރިއާއެކު ދެކެވުނު ވާހަކައެކެވެ. އެހެން ނަމަވެސް ދުނިޔޭގައި އެންމެ ގިނައިން ބޯޓު ދެލި އަންދާ ބިޔަ ގައުމުތަކުން ވަނީ މިކަން އެއްބަސްވުމެއްގެ ސިފައިގައި ގެނައުމަށް ފަސް ޖެހިފައެވެ.
މީގެ ތެރޭގައި އިންޑިއާ ހިމެނޭ އިރު އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު ބުޕެންދަރު ޔާދޭވް ވަނީ ކުރިއަރަމުން އަންނަ ގައުމުތަކުގެ ތަރައްގީގެ ލަނޑުދަނޑިތައް ދޫކޮށްލާ ފަގީރުކަން ނައްތާލަން ކުރާ މަސައްކަތްތައް އެއްފަރާތްކޮށް ބޯޓު ދެލި އެންދުން ހުއްޓާލާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.
މިކަމުގައި ގައުމުތަކުން އެންމެ ފަހުން އެއްބަސްވީ ބޯޓު ދެލި މުޅިން ބޭނުންކުރުން ހުއްޓާލުމުގެ ބަދަލުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށެވެ.
މީގެ އިތުރުން ވެސް މި އެއްބަސްވުމުގައި އެހެން ބައިތައް ހިމަނާފައިވާ އިރު އޭނގެ ތެރޭގައި ޖައްވަށް ވިހަ ގޭސްތައް ދޫކުރުން މަދުކުރުމަށް އަޅާ ފިޔަވަޅުތައް އިތުރުކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއަރަމުން އަންނަ ގައުމުތަކަށް ލިބޭ ގެއްލުންތަކަށް ދޭ ފައިސާ އިތުރުން ކުރުން ފަދަ ކަންކަން ވެސް ހިމެނެއެވެ.