ތިމާވެށީގެ މައްސަލަތައް ހައްލުކުރާ ފަންޑަށް 6.42 ބިލިއަން ރުފިޔާ ދޭން އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
އެގައުމުން މިކަމަށް އެއްބަސްވެފައި ވަނީ މިހާރު ކުރިޔަށްދާ ކޮޕް-26 ކޮންފަރެންސްގެ ތެރެއިންނެވެ.
މިފަހަރުގެ ކޮޕް-26 ގައި މީގެ ކުރިން ވެސް މިފަދަ ސަމިޓްތަކުގައި އެއްބަސްވާ ގޮތުގެ މަތިން ކުދި ގައުމުތަކަށް އެހީތަށް ނުލިބޭ ކަމުގެ ޝަކުވާތައް ބައެއް ގައުމުތަކުން ކޮށްފައި ވާއިރު ދިވެހި ރާއްޖެއިން ވެސް ވަނީ މިކަން ފާހަގަ ކޮށްފައެވެ.
އެގޮތުން މި ސަމިޓުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ކުދި ގައުމުތަކަށް ދޭން އެއްބަސްވެފައިވާ އެހީތައް ނުލިބޭ ކަމަށާ އެގޮތުން 2016 ވަނަ އަހަރު ޕެރިހުގައި ބޭއްވި ކޮޕް-21 ބައްދަލުވުމުގައި އަހަރަކު 100 ބިލިއަން ޑޮލަރު ދޭން ވައުދުވެފައިވާ ކަމަށެވެ.
ނަމަވެސް، އެ ފައިސާގެ ތެރެއިން މިހާތަނަށް ގައުމުތަކަށް ލިބިފައިވަނީ ކުޑަ މިންވަރެއް ކަމަށާ އެ ފައިސާ ފޯރު ކޮށްދެވޭނެ ހަރުދަނާ އުސޫލެއް ހަމަޖައްސަވައި ދެއްވުމަށް އެދޭ ކަމަށެވެ އިނގިރޭސިވިލާތުން ވަކިވަކި ގައުމުތަކަށް ދޭނެ މިންވަރު އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ނަމަވެސް އެގައުމުން ބުނީ މިފަހަރު ދިނުމަށް އެއްބަސްވެފައިވާ ފައިސާގެ އެހީ ދޭނީ އޭޝިއާ ސަރަހައްދާ ޕެސިފިކްގެ ގައުމުތަކުގެ ތެރެއިން ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާ އޮތް ގައުމުތަކަށް ކަމަށެވެ.
މި ސަމިޓުގައި އެހެނިހެން ގައުމުތަކުގެ މިނިސްޓަރުންނާއި ޑިޕްލޮމެޓުން ދަނީ ތިމާވެއްޓަށް ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް އިތުރު އެހީތައް ހޯދުމުގެ މަޝްވަރާތައް ކުރަމުން ދާއިރު އިނގިރޭސިވިލާތުގެ އިތުރުން އޮސްޓްރޭލިއާ، ކެނެޑާ، ޖަޕާން، ނިއުޒިލެންޑް، ސްވިޒަލޭންޑް އަދި އެމެރިކާ އިން ވެސް ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ފައިސާގެ އެހީ ދޭނެ ކަމަށް ބެލެވެއެވެ.
ކޮޕް ސަމިޓް ނިމޭނީ ނޮވެމްބަރު 12، 2021 ގައެވެ.