އިންސާނުންގެ ރައްކާތެރިކަމަށް ވެށީގެ ރައްކާތެރި ކަމަކީ ކިހާ މުހިއްމު ކަމެއް ކަން މީގެ ކުރިން އިންސާނުންގެ ތެރެއިން ގިނަ ބަޔަކަށް އޮތީ ނުވިސްނި ނުވަތަ އިހުސާސް ނުކުރެވިއެވެ. ތަރައްގީގެ ރޭހުގައި މުޅި ދުނިޔެ މަސައްކަތް ކުރަމުން ދާ އިރު، އާ އީޖާދީ އުފެއްދުންތައް އުފައްދުމާއި، ފެކްޓްރީތައް ގިނަވެ، ދުއްވާ އުޅަނދުތައް އިތުރުވެ، އިންސާނުންނަށް ދިރުއުޅުމުގައި ލުއިފަސޭހަ ވާނެ ގޮތްގޮތަށް ކަންކަން ކުރަމުން ދިޔައެވެ.
އެގޮތުން ޖައްވަށް ދޫކުރަމުންދާ ވިހަ ގޭސްތަކުގެ ސަބަބުން ތިމާވެށި ހަލާކުވެ ތިމާވެށި ނެތިގެން ދިއުމުގެ ބިރު އަށަގަތުމުން އެކަމަށް ހައްލު ހޯދަން މަސައްކަތް ފެށިއެވެ. މިފަދަ ކަންކަމާ ގުޅިގެން އެންމެ ބޮޑަށް ނޭދެވޭ އަސަރުތައް ފޯރަމުން މި ދަނީ ކުދި ޖަޒީރާ ގައުމުތަކަށެވެ. އެހެންކަމުން މި ސަރުކާރުގެ ވެރިކަމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އަޑުއުފުލާ ވަކާލާތު ކުރިއެވެ.
މި މަހު ކުރީ ކޮޅު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބޭއްވި ކޮޕް ސަމިޓްގައި ރާއްޖެއިން ވަނީ، ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ ވާހަކަތަކާއި، ރާއްޖޭގެ ހާލަތު ދުނިޔެއަށް ހާމަކޮށްދީފައެވެ. ހަމައެއާއެކު ތިމާވެށީގެ މައްސަލަ ހައްލު ކުރުމަށް ބޮޑެތި ގައުމުތަކުން ކުރާ ހޭދަ އިތުރު ކުރުމަށާއި، ކުދި ގައުމުތަކަށް ލިބޭ ގެއްލުމުގައި ބަދަލު ހޯދުމާއި، ޓެކްނޮލޮޖީއާއި މާލީގޮތުން ކުރިއަރާފައި ވާ ގައުމުތަކުން ދުނިޔޭގެ ފިނި ހޫނު މިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރަން ޖެހޭ ކަންކަން އިތުރު ކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
މި ސަރުކާރުން ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް ވެސް ވަނީ ވޭތުވެ ދިޔަ ތިން އަހަރު ތެރޭ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކާއި ތަރިކަ ދެމެހެއްޓުމަށްޓަކައި، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ. އެ ނިންމެވުން ތަންފީޒު ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ ބޮޑު ތިލަދުންމަތިން 14 ސަރަހައްދެއް ހިމާޔަތް ކޮށްފައެވެ. ހަމައެއާއެކު އައްޑޫ ސިޓީންނާއި ފުވައްމުލަކު ސިޓީން އަދި ކާށިދޫން ވެސް ވަނީ ބައެއް ތަންތަން ހިމާޔަތް ކޮށްފައެވެ.
ހިމާޔަތް ކުރެވުނު ސަރަހައްދުތައް:
- ހދ ކޭލަކުނު: 235.54 ހެކްޓަރު
- ހދ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން: 71.87 ހެކްޓަރު
- ހއ. ބާރަށުގެ ކުޅި، ފާ، ޗަސްބިން: 50.77 ހެކްޓަރު
- ހއ ގައްލަންދޫ: 252 ހެކްޓަރު
- ހއ. ބިލަތްދޫ ތިލަ: 4354 ހެކްޓަރު
- ހއ ކެލާ ކަނޑޫފާ: 112 ހެކްޓަރު
- ހދ. ފިނޭ ތިލަ: 97.9 ހެކްޓަރު
- ހދ. އިންނަ ފުށި: 1366 ހެކްޓަރު
- ށ. ބޮލިއްސަފަރު: 954 ހެކްޓަރު
- ށ. ނާލާހުރާ: 159 ހެކްޓަރު
- ނ. ފޭދިއްޕަރު ފިނޮޅާއި ފަޅު: 322 ހެކްޓަރު
- ނ. ކެނދިކުޅުދޫ ކުޅި: 512 ހެކްޓަރު
- ނ. އޮރިމަސް ތިލަ: 46.9 ހެކްޓަރު
- ނ. ބޮޑުފުޅައިމެންދޫ: 321 ހެކްޓަރު
- ޏ. ފުވައްމުލަކުން ފަރިކެޑެ ސަރަހައްދު: 636.75 ހެކްޓަރު
- ކ. ކާށިދޫން މޯލްޑިވްސް ވިކްޓްރީ ނައު އުރިފައިވާ ސަރަހއްދު: 4.75 ހެކްޓަރު
- ކ. ކާށިދޫ ޗަސްބިން: 42.74 ހެކްޓަރު
- އައްޑޫ ސިޓީން:
- ކުޑަކަނޑު 462.06 ހެކްޓަރު
- މާކިޅި އާއި ފެހެލެކިޅި: 25.5 ހެކްޓަރު
- މާފިށި ކިޅި: 5.86 ހެކްޓަރު
- މަތި ކިޅި: 56.13 ހެކްޓަރު
ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގައި ވެސް ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް ކަންކަން ރޭވުމަކީ މި ސަރުކާރު އައި އިރު ރައީސް ވެވަޑައިގެންނެވި ވައުދު ފުޅެކެވެ. އެ ގޮތުން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބާރުވެރި ކުރުވުމުގެ ގޮތުން އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ ޒިންމާތައް، ވަނީ ޓޫރިޒަމް މިނިސްޓްރީން ވަކިކޮށް ޑިސެމްބަރު 20، 2018 ގައި އެންވާރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައެވެ.
މި ބަދަލާ ގުޅިގެން ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް އިސްލާހު ގެނެވުނެވެ. އެ ގޮތުން ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކުރާ ސަރަހައްދުގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނާނެ ފަދަ މަސައްކަތެއް ކުރުމުގެ ކުރިން ހަދައި ފާސްކުރަން ޖެހޭ އީއައިއޭ ފާސްކުރުމުގެ ބާރު ޑިސެމްބަރު 27، 2018 ގައި އަލުން ވަނީ އީޕީއޭއަށް ދީފައެވެ.
މީގެ އިތުރުން ޕްލާސްޓިކް ފުޅިއާއި ކޮތަޅާ ދެކޮޅަށް ގައުމީ ބޮޑު ކެމްޕޭނެއް ވެސް ވަނީ މި ސަރުކާރުން ފަށާފައެވެ. ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަކީ ވެސް ރައީސް ސޯލިހްގެ މުހިއްމު ސިޔާސަތެކެވެ.
އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކުރުން ރާއްޖޭގައި މުޅިން ހުއްޓާލުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހެން މިކަން ވެއްޖެ ނަމަ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުންނުކުރާ ގައުމަކަށް ވެގެންދާނެއެވެ.
ސަރުކާރުގެ މި ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ވެއްޖެ ނަމަ، ރާއްޖެއަކީ "ވިހަ ނޭވާ އާ ދުރުވެ ހަމަ ނޭވާ ލާން" ދުނިޔޭގައި އޮންނާނެ ނަލަނަލަ ރާއްޖެއަކަށް ވާނެއެވެ.