މޫސުމީ ބަދަލުތަކުގެ ސަބަބުން ބިންތިރި، ކުދި ޖަޒީރާ ގައުމުތަކަށް ދިމާވަމުން ދާ ނުރައްކާތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށާ، އެ ގައުމުތަކަށް އެހީވުމަކީ އެހެން ގައުމުތަކުން މިއަދު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ކޮޕް-26 ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި އޭގެ ނުރައްކާ ބިންތިރި ގައުމުތަކަށް ނުހަނު ބޮޑުވަމުން ދާ ކަމަށާ، މޫސުމީ ބަދަލުތަކުގެ އަސަރު ކުދި ގައުމުތަކަށް ކުރަމުން ދަނީ އަންދާޒާކޮށްލެވޭ މިންވަރަށް ވުރެ ވެސް ބޮޑަށް ކަމަށެވެ. އެގޮތުން އޮބާމާ ހަވާއީގައި ދިރިއުޅުއްވި އިރު އެކަން ވަރަށް ގާތުން ތަޖުރިބާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.
އޮބާމާ ވިދާޅުވީ މި ނުރައްކަލުން ސަލާމަތްވުމަށް އެޅެން ހުރި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޅުމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު އެއްބަސްވެގެން ދިޔަ ޕެރިސް އެގްރީމަންޓުގައި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަން އޮބާމާ ފާހަގަ ކުރެއްވިއެވެ.
މި ކޮންފަރެންސްގައި ތިމާވެށީގެ މައްސަލަތައް ހައްލުކުރާ ފަންޑަށް 6.42 ބިލިއަން ރުފިޔާ ދޭން އިނގިރޭސިވިލާތުން ވެސް އެއްބަސްވެފައި ވާއިރު އެގައުމުގެ އިތުރުން އޮސްޓްރޭލިއާ، ކެނެޑާ، ޖަޕާން، ނިއުޒިލެންޑް، ސްވިޒަލޭންޑް އަދި އެމެރިކާ އިން ވެސް ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ފައިސާގެ އެހީ ދޭނެ ކަމަށް ބެލެވެއެވެ.
މިފަހަރުގެ ކޮޕް-26 ގައި މީގެ ކުރިން ވެސް މިފަދަ ސަމިޓްތަކުގައި އެއްބަސްވާ ގޮތުގެ މަތިން ކުދި ގައުމުތަކަށް އެހީތަށް ނުލިބޭ ކަމުގެ ޝަކުވާތައް ބައެއް ގައުމުތަކުން ކޮށްފައި ވާއިރު ދިވެހިރާއްޖެއިން ވެސް ވަނީ މިކަން ފާހަގަ ކޮށްފައެވެ.
އެގޮތުން މި ސަމިޓުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ކުދި ގައުމުތަކަށް ދޭން އެއްބަސްވެފައިވާ އެހީތައް ނުލިބޭ ކަމަށާ، އެގޮތުން 2015 ވަނަ އަހަރު ޕެރިހުގައި ބޭއްވި ކޮޕް-21 ބައްދަލުވުމުގައި އަހަރަކު 100 ބިލިއަން ޑޮލަރު ދޭން ވައުދުވެފައިވާ ކަމަށެވެ.
ނަމަވެސް، އެ ފައިސާގެ ތެރެއިން މިހާތަނަށް ގައުމުތަކަށް ލިބިފައިވަނީ ކުޑަ މިންވަރެއް ކަމަށާ އެ ފައިސާ ފޯރު ކޮށްދެވޭނެ ހަރުދަނާ އުސޫލެއް ހަމަޖައްސަވައި ދެއްވުމަށް އެދޭ ކަމަށެވެ.