ސްކޮޓްލޭންޑްގެ ގްލަސްކޯގައި މިހާރު ކުރިއަށްދާ މޫސުމާ ބެހޭ ބައިނަލްއަގްވާމީ ސަމިޓް ކޮޕް26 އަކީ ބޮޑު ނާކާމިޔާބީއެއް ކަމަށް ދުނިޔެ ހޫނުވުމާ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ޒުވާން އެކްޓިވިސްޓް ގްރެޓާ ތަންބާގް ބުނެފިއެވެ.
ތަންބާގް މިހެން ބުނީ ސަމިޓް ފެށި ފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަމުންނެވެ.
ހުކުރު ދުވަހުގެ މުޒާހަރާގައި އެތަށް ހާސް ޒުވާނުން ބައިވެރިވި އިރު އޭގެ ތެރޭގައި ސްކޫލް ކުދިން ވެސް ހިމެނެއެވެ.
މިމުޒާހަރާގައި ވާހަކަ ދައްކަމުން ތަންބާގް ބުނީ ކޮޕް26 ސަމިޓަކީ ނާކާމިޔާބީއެއް ކަމީ އެންމެނަށް އެނގޭ ސިއްރެއް ކަމަށާ، ދުނިޔެ ހޫނުވުމަށް ދިމާވި ކަންކަން އެންމެ ފުރަތަމަ ކުރިމަތިވީ މަގުން މިކަމަށް ހައްލު ނުލިބޭނެ ކަމަށެވެ.
ސުވިޑަންއަށް ނިސްބަތްވާ ތަންބާގް ބުނީ ދުނިޔެ ހޫނުވުމުގެ މައްސަލައަށް ހައްލު ބޭނުން ވަނީ މިހާރުން މިހާރަށް ކަމަށާ ގައުމުތަކުން އަހަރެއްގެ މައްޗަށް ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މިހާރުން މިހާރަށް މަދުކުރަން ޖެހޭ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ދުނިޔޭގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އުޅުއްވަމުން ގެންދަވަނީ ހިޔާލީ ދުނިޔެއެއްގައި ކަމަށާ އެބޭފުޅުން އުއްމީދުކުރައްވަމުން ގެންދަވަނީ ކޮންމެވެސް ޓެކްނޮލޮޖީ އަކުން މިހާރު ހުރި މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.