ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފިއެވެ.

ބީއެމްއެލް އިން ބުނީ، ރޭގައި ބޭއްްވި އެވޯޑު ހަފްލާގައި އަފްރާހް އަހްމަދު (ހެޑް އޮފް ބޭންކިން ސޮލިއުޝަންސް) އަދި މޮރޮޓޯރިއަމް ޕްރޮޖެކްޓް ޓީމުން 2020 ވަަނަ އަހަރުގެ ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ދުވަސްތަކުގައި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވުނު ފަހުރުވެރި ރެކޮގްނިޝަން އެވޯޑް ބޭންކުގެ 17 ޓީމަކަށް ލިބިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ. އަދި ހައްވާ ޝީނިއާޒް އަދުނާން (ހެޑް އޮފް ލޯން ސާވިސަސް) ވަނީ 2019 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ހޯދާފައި ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

އެރަސްމިއްޔާޓުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ސްޓާފް އެވޯޑުގައި ފާހަގަ ކުރަނީ މުވައްޒަފުންގެ ނަމޫނާ މަސައްކަތް ކަމަށާއި މުވައްޒަފުން މަސައްކަތުގައި ބަހައްޓާ ފަރުވާތެރިކަމާއި ކުރަމުންދާ މިންނަތް މަސައްކަތަކީ އެންމެންނަށް ވެސް ލިބޭ ނުހަނު އަގުހުރި ފިލާވަޅެއް ކަމަށެވެ.

ކޮވިޑް-19 ގެ މުއްދަތަކީ ބޭންކަށާއި މުޅިގައުމަށްވެސް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ އެއް ދުވަސްތައް. މި ދަނޑިވަޅުގައި މެދުނުކެނޑި ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ދެވަނައެއްނުވާ ލާމަސީލް މަސައްކަތްތަކެއް.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 ޕަސަންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓާނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.

މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. ބޭންކުގައި އެންމެ ރަނގަޅަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދާދި ފަހުން ބޭންކުން ވަނީ ލޯންގް ސާވިސް އެވޯޑް ދީފައެވެ.