ނޮވެންބަރު 3، 1988 ގައި ޝަހީދުވި ބަތަލުން ފަސްދާނުލާފައިވާ މަގުބަރާގެ ސަރަހައްދު ސާފުކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރު މިއަދު ވިދާޅުވީ ނޮވެމްބަރު 3 ގެ ޝަހީދުން ފަސްދާނުލާފައިވާ ތަން އެތައް އަހަރެއްވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން ވަރަށްބޮޑަށް ހަޑިވެ ވީރާނާވެފައިވާތީ އެތަން ސާފުކޮށް ރީތިކުރުމުގެ މަސައްކަތް އެ ކައުންސިލުން ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ސަރަހައްދަށް ދޮންވެލިލާ އަދި ވަށައިގެެންވާ ފާރުގައި ކުލަ ވަނީ އާކޮށްފައެވެ.

ސިޓީ ކައުންސިލުން މިއަދު އެތަން ސާފުކުރިއިރު، މުޅި ސަރަހައްދުގެ ވެލިގަނޑު ވަނީ ކަޅުވެފައެވެ.

މިތަން ސާފުކޮށްފާ ޒަމާނީ ހަތިޔާރާއެކު ރާއްޖެ ހިފުމަށް އައި ލަޝްކަރު ބަލިކޮށް ރާއްޖެއަށް ނަސްރު ލިބުނު ދުވަހަށް 33 އަހަރު ފުރުމަށް ދެ ދުވަހަށް ވެފައިވަނިކޮށެވެ. އެ ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު 3، 1988 ގައެވެ. އަދި 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ.