ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ސަމާލުވާން އެދިއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ރާއްޖޭގެ އިރުއުތުރުން ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ވަނީ އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރެއެވެ.

ކަނޑު ދަތުރު ކުރުމުގައި މޫސުން ގޯސް ވެ ރީނދޫ އެލާޓް ނުވަތަ އެއަށް ވުރެ މަތީ އެލާޓެއް ނެރެފައި ވަނިކޮށް ކަނޑު ދަތުރު ފަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން 9 މީޓަރަށް ވުރެ ކުދި އުޅަނދުތަކުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.