ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަނުގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 500 ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް 2500 ރުފިޔާގެ ކޭޝްބެކް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އިނާމު ހޯދުމުގެ ފުރުސަތު:

  • ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް.
  • 100،000 ރުފިޔާއާ ހަމަޔަށް ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އުނިވެގެންދާނެ.

މި ޕްރޮމޯޝަންގެ އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ދާދިފަހުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް " ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާހުކޮށްފައެވެ.

ބީއެމްއެލް އިން ބުނީ "ބީއެމްއެލް ރިވޯޑްސް" މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭނެ ކަމަށެވެ. މިގޮަތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި ހޮޓެލާއި ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގްބޫލް ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.