ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ 26 ވަނަ އދ ގެ ކޮންފަރެންސް (ކޮޕް26) ގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި އދ ގެ އިންސާނީ ހައްގުތަކާބެހޭ ކުރީގެ ހައިކޮމިޝަނަރު ޕްރިންސް ޒައިދު ރައާދު ޒާއިދު އަލް ހުސައިން އައްޔަން ކޮށްފިއެވެ.
ސްކޮޓްލެންޑުގެ ގްލާސްގޯގައި ކުރިއަށް ގެންދާ ސަމިޓުގައި ރައީސް ސޯލިހުގެ އިތުރުން ސަރުކާރުގެ ބޮޑު ވަފްދެއް ބައިވެރިވެ ވަޑައިގަންނަވާއިރު އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަދި އދ ގެ އާންމު މަޖިލިހުގެ ރައީސް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނެއެވެ.
ޒާއިދަކީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި އިންޓަނޭޝަނަލް ޕީސް އިންސްޓިޓިއުޓް (އައިޕީއައި)ގެ ރައީސްވެސް މެއެވެ.
މީގެ ކުރިން ޕްރިންސް ޒާއިދު ވަނީ އުރުދުންގެ ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު 2014 އިން 2018 އަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ މަގާމު ފުރުއްވާފައެވެ.
ހަމައެހެންމެ ޒާއިދު ވަނީ އދގެ ސަލާމަތީ މަޖިލީހުގައި މަސައްކަތް ކުރައްވާ، އ.ދ.ގެ ޕީސް ބިލްޑިން ކޮމިޝަންގެ ކޮންފިގުރޭޝަން ޗެއާކަން ކުރައްވާފައެވެ. އަދި ކުރީގެ ޔޫގޮސްލާވިއާގައި އ.ދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ މީހެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ.
ކޮޕް26 ސަމިޓް ކުރިއަށް ދާނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.