މިދިޔަ މަހު އައިޖީއެމްއެޗްގައި މަސައްކަތްކުރި އަންހެން ނަރުހަކު ދަންޖެހިގެން މަރުވި މައްސަލައާ ގުޅިގެން ހައްޔަރުކުރި އޭނާގެ ފިރިމީހާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ފުލުހުންގެ ތަހުގީގަށް ހިފަހައްޓައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެރިޔާއަކީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެކެވެ. އެ މައްސަލައާ ގުޅިގެން، މިހާރު އޭނާ ވަނީ ވަޒީފާއިންވެސް އެކަހެރި ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 28 ގައި އުމުރުން 29 އަހަރުގެ މާވިންގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ

މައުލޫމާތު ލިބޭގޮތުގައި، މޭރީ މަރުވެފައި އޮއްވާ ފެނިފައިވަނީ، މާވިންއާ ދިމާވި މައްސަލައަކަށް ފަހުއެވެ.

އެ މައްސަލާގައި، މޭރީ މަރުވީ ދަންޖެހިގެން ކަން ކަށަވަރު ވެފައި ނުވާ ކަމަށާއި، އޭނާގެ ކަރުގައި ދަންޖެހިފައިވާ ކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް މި ކަމާ ގުޅިގެން 'ދަ ޕްރެސް' އިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން މީގެ ކުރިން ބުނީ، އެ މައްސަލާގައި ބަލަންޖެހޭ އިތުރު ކަންތައްތަކެއް ހުރުމާއެކު، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.