ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަގުހެޔޮކޮށް އަތްފޯރާ ފަށުގައި ގެދޮރު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ، ގެދޮރުވެރިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަކީ ހުރިހާ ރައްޔިތުންވެސް ބޭނުންވާ ކަމެއް ކަމަށާއި، މިކަމަށްޓަކައި މަޝްރޫއުތަކެއް ސަރުކާރުން ރާވާފައިވާއިރު، މިމަޝްރޫއުތަކުގެ ސަބަބުން، ރަށްރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން މާލޭގައި ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް މެދުވެރިކޮށް ގާއިމުކުރާ 4,000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ އިކުއިޓީ މި އަހަރު ތެރޭގައި ސަރުކާރުން ދައްކައި ނިންމާނެ ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެހެނިހެން ގޮތްގޮތުން މާލޭގައި ޖުމުލަ 11,000 ހައުސިން ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަތޮޅު ތެރޭގައިވެސް ހައުސިން ޔުނިޓުތައް ގާއިމުކުރުމަކީ ސަރަހައްދީ ތަރައްގީއަށް މުހިއްމުކަމެއް. ވީމާ، އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށްއޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ހިމަނާފައިވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
ހައުސިން ޔުނިޓްތަކަށް ކުރާ ހަރަދުތަކުގެ އިތުރުން، މިފަހަރުގެ ޕީއެސްއައިޕީގެ ދަށުން ދެން ހަރަދުކުރަން ނިންމާފައިވަނީ ގުޅީފަޅުގައި ބައިނަލްއަގުވާމީ ފެންވަރެއްގެ ބަނދަރެއް ގާއިމް ކުރުމަށާއި، ތިލަމާލެ ބްރިޖް ތަރައްގީ ކުރުމަށެވެ. މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުތައް ނިމުމުން، ކޮމާޝަލް ޕޯޓަށް އެތެރެކުރާ މުދާ ފަސޭހަކަމާއެކު މާލެއާއި ހުލުމާލެއާއި ވިލިމާލެއަށް ގެންދެވޭނެ ކަމަށެވެ.
'އަދި ގުދަން ކުރުމާއި ސިނާއީ މަސައްކަތްތައް މާލެއިން ބޭރުކުރެވުމުން، މާލޭގެ ބިމުގެ ޖާގައިގެ ދަތިކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުވެސް ކުރިއަށް ދާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ހައިސްޕީޑް ފެރީ ނިޒާމުގެ ހިދުމަތް އަންނަ އަހަރު އުތުރުގެ ސަރަހައްދުގައި ފެށިގެން ދާއިރު، މި ހިދުމަތް ފުޅާ ކުރުމަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ބަނދަރުތައް ތަރައްގީކޮށް ހެދުމުގެ މަޝްރޫއުތައްވެސް ހިމަނާފައިވާނެ ކަމަށެވެ.
"ދަތުރުފަތުރުގެ ނިޒާމުގެ ލުއިފަސޭހަ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ލަފާފުރުމުގައި ހުރި ދަތިތަކަށްވެސް ހައްލު ލިބިގެންކަމަށްވާތީ، 2022 ވަނަ އަހަރުގެ ބަޖެޓުގައި 132 ރަށެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ހިމަނާފައިވާނެ. ކަނޑު ދަތުރުފަތުރުގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ލުއިފަސޭހަވެސް ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން."
ހަމަ އެއާއެކު، 52 ރަށެއްގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.