މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެހްތެޝާމް އަބްދުލް މުހައިމިން ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީން ރޭ ނެރުނު ބަޔާނުގައި ބުނީ އެހްތެޝާމް ވަނީ މަގާމުން ސަސްޕެންޑުކޮށްފައި ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑު ކުރި ވަކި ސަބަބެއް އަދި އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެހްތެޝާމް މަގާމުން ސަސްޕެންޑުކުރުމާ ގުޅިގެން، އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރާނީ އެ ބޭންކުގެ ސީއޯއޯ އަހުމަދު ރިޒާ ކަމަށް، އެމްއައިބީން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، އެހްތެޝާމް ސަސްޕެންޑު ކުރި ކަމަށް ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް، އެކަން ދޮގުކޮށް، އޭރު އެމްއައިބީން ވަނީ ބަޔާނެއް ނެރެފައެވެ.

މައުލޫމާތު ލިބޭގޮތުން، އޭނާ ސަސްޕެންޑު ކޮށްފައިވަނީ އެމްއައިބީގެ ބޯޑަށް ނާންގައި ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައަކާ ގުޅިގެންނެވެ. މީގެ އިތުރުން، މި މައްސަލަ ތިލަވެފައި ވަނިކޮށް، އޭނާ ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖޭން ބޭރަށް ފުރާފައެވެ.

އެމްއައިބީގެ ސީއީއޯގެ މަގާމާއި 2019 ވަނަ އަހަރު ހަވާލުވި އެހްތެޝާމް އަބްދުލް މުހައިމިން ވަނީ މި ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޭޝިއާ، އޮސްޓްރޭލިއާ، އަދި މެދު އިރުމަތީގެ ބޮޑެތި ކުންފުނިތަކުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.