ރ. އަތޮޅުގައި ހިންގަމުން އަންނަ އެމަރަލްޑު މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގައި އުފެދޭ ކުނި ގެންގޮސް ކަނޑަށް އަޅާތީ، އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު އެތަކެތި ކަނޑުން ނަގައިގެން ގޮސް ރިސޯޓުގެ ރިސެޕްޝަނުގައި ބެހެއްޓުމުން ވަޒީފާއިން ވަކިކޮށްފިއެވެ.

އެ ރިސޯޓުގެ ޑައިވަރެއްގެ ވަޒީފާ އަދާ ކުރަމުން ގެންދިޔަ އިގުބާލް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ބުނެފައި ވަނީ ރިސޯޓުގައި އުފެދޭ ހުރިހާ ކުންޏެއް ކަހަލަ ގޮތަކަށް ގޮސް ރިސޯޓުން އަޅާލަނީ ކަނޑަށް ކަމަށާއި އެއީ އެ ރިސޯޓުން ކޮންމެ ދުވަހަކުވެސް އަމަލު ކުރަމުން އަންނަ ގޮތް ކަމަށެވެ.

އިގުބާލު ބުނީ ރިސޯޓުން އުކާލި ބައެއް ކުނި އޭނާއާ އެކުގައި މަސައްކަތް ކުރާ ބައެއް އެހެން މުވައްޒަފުން ވެގެން 20 މީޓަރާއި 25 މީޓަރު އަޑިން ނަގައިފައިވާ ކަމަށެވެ. އަދި އެކުނިތައް ހުރީ ރ. އަތޮޅުގެ ޑައިވް ޕޮއިންޓެއް ކަމަށްވާ "މާފަރު ކޭވް" ނަމަކަށް ކިޔާ ޕޮއިންޓެއްގައި ކަމަށާއި އެ ސަރަހައްދަކީ އެމަރަލްޑް ރިސޯޓުން ފުރައިގެން 10 މިނެޓާއި 15 މިނެޓުން ދެވޭ ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދަށް ދިޔައިރު އެ ޑައިވް ޕޮއިންޓުގެ ފަރުގައި ޕްލާސްޓިކު ކުނި ކޮތަޅުތައް ތާށިވެފައި ހުރި ކަމަށްވެސް އިގުބާލް ފޭސްބުކްގައި ވަނީ ބުނެފައެވެ.

އެމަރަލްޑު މޯލްޑިވްސްއިން ކަނޑަށް އެޅި ކުނި

އިގުބާލު އެ ރިސޯޓުގައި މަސައްކަތް ކުރަން ފެށީ މިދިޔަ 2020 ވަނަ އަހަރުގެ ނޮވެންބަރުގައެވެ. އެތައް ފަހަރަކު ރިސޯޓުން ކަނޑަށް ކުނި އަޅާތީ އެކަމުގެ ޝަކުވާ އެ ރިސޯޓުގެ ހިއުމަން ރިސޯސް ޑިޕާޓުމަންޓާއި ހޮޓެލް މެނޭޖުމަންޓަށް ވެސް އެ ޝަކުވާތައް ހުށައެޅި ކަމަށް އިގުބާލް ބުނެއެވެ. ނަމަވެސް އެ ޝަކުވާތަކަށް ބެލުމެއް ނެތި ކޮންމެ ދުވަހަކުވެސް އެ ރިސޯޓުން ދިޔައީ އެ ރިސޯޓުގައި އުފެދޭ ކުނިތައް ކަނޑަށް އަޅަމުންނެވެ.

އެ ކުނިތައް ޑައިވް ކޮށްގެން އިގުބާލާއި އޭނާގެ ބައިވެރިން ނަގައިގެން ގޮސް ބެހެއްޓީ ރިސޯޓުގެ ރިސެޕްޝަނުގައެވެ. އެއާއެކު އެ ރިސޯޓުން އިގުބާލު ވަޒީފާ އިން ވަކިކުރިއެވެ. އިގްބާލް ބުނީ ވަޒީފާ އިން ވަކި ކުރި ނަމަވެސް އޭނާ ދެރަނުވާކަށެވެ.

އިގުބާލް އިތުރަށް ބުނީ ޑައިވްކުރުމަކީ ދިރިއުޅުމަށް ކުރާ މަސައްކަތް ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ދައްކާ މަންޒަރުތަކަކީ ވެސް އެއީ ކަމަށެވެ. އަދި އިގުބާލު ވަނީ ޑައިވިން ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ރިސޯޓުތަކުން ކަނޑަށް ކުނި އެޅުވުން ހުއްޓުވާ ރާއްޖޭގެ ކަނޑުތަކާއި އެ ކަނޑުތަކުގައިވާ ދިރުންތައް ސަލާމަތް ކުރުމަށް އެދިފައެވެ.