ރ. މަޑުއްވަރީ ސްކޫލްގައި ޕްރިންސިޕަލެއް ނެތި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީ އާއި ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މިއަހަރުގެ ކުރީކޮޅުން ފެށިގެން ރ. މަޑުއްވަރީ ސްކޫލް ހިނގަމުން އަންނަނީ ޕްރިންސިޕަލެއް ނެތި ކަމަށެވެ.

އެހެންކަމުން، އެ ސްކޫލަށް ޕްރިންސިޕަލެއް ލިބޭނީ ކޮން ދުވަހަކުންތޯ އާއި އެ ސްކޫލަށް ޕްރިންސިޕަލެއް ނުލިބިގެން އުޅޭ ސަބަބަކީ ކޮބައިތޯ އާއި ޕްރިންސިޕަލުން ނުލިބޭ ރަށްރަށަށް ނުވަތަ ޕްރިންސިޕަލުން ހަރުލުން ދަތި ރަށްރަށާއިމެދު ރާއްވަވާ ގޮތަކީ ކޮބައިކަން މިނިސްޓަރުގެ އަރިހުން ސާފުކުރުން އާދަމް ޝަރީފްވަނީ އެދިފައެވެ.

މި މައްސަލަ ހުށަހެޅުއްވިކަން ހާމަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، މި އަހަރުގެ މެއި މަހުން ފެށިގެން ރ. މަޑުއްވަރީ ސްކޫލްގައި ޕްރިންސިޕަލެއް ނެތް ކަމަށެވެ. އެއީ ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމެއް ކަމަށާއި، ބައެއް ރަށްރަށަށް ހާޑްޝިޕް އެލަވަންސްއެއް ހަމަޖައްސައިގެން ނަމަވެސް އެފަދަ ރަށްރަށަށް ކޮންމެހެންވެސް ޕްރިންސިޕަލެއް ހަމަޖައްސައިދޭން ޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.