ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ނޭޝަނަލް ސްކައުޓް ޔޫތު ސިމްޕޯޒިއަމް ފަށައިފިއެވެ.

މިއީ، މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ސްކައުޓް އެސޯސިއޭޝަންގެ ޔޫތު ކައުންސިލުން އިންތިޒާމު ކޮށްގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. ދެ ދުވަހުގެ މުއްދަތަށް ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި ކުރިއަށް ގެންދާ ނޭޝަނަލް ސްކައުޓް ޔޫތު ސިމްޕޯޒިއަމް ފަށާފަވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ.

ސިމްޕޯޒިއަމްގެ ސެޝަންތައް ހުރަވީ ސްކޫލްގައި ފޭސް ޓު ފޭސް ކުރިއަށް ދާއިރު، އަތޮޅު ތެރެއިން ސްކައުޓުންނާއި ގާލް ގައިޑުން އޮންލައިންކޮށް ވެސް މި ސިމްޕޯޒިއަމްގައި ބައިވެރިވަމުން ގެންދެއެވެ.

ނޭޝަނަލް ސްކައުޓް ޔޫތު ސިމްޕޯޒިއަމް ކުރިއަށް ގެންދަނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ސްކައުޓުންނާއި ރޯވާ ސްކައުޓުންގެ އިތުރުން، އެ އުމުރު ފުރާތަކުގެ ގާލް ގައިޑުން ބައިވެރިކޮށްގެންނެވެ.

އެގޮތުން، މާލެއާއި އަތޮޅު ތެރޭގެ 20 ސްކޫލަކުން 60 ސްކައުޓުންނާއި، 62 ގާލް ގައިޑުންނާއި، އޮފިޝަލުންނާއި އެހެން މަންދޫބުންނާއެކު ގާތްގަނޑަކަށް 150 އެއްހާ ބައިވެރިން މި ސިމްޕޯޒިއަމްގައި ބައިވެރިވަމުންދާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ.

މި ސިމްޕޯޒިއަމްގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި، ކޮވިޑްގެ ބަލިމަޑު ހާލަތަށް ފަހު ގައުމު އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ޒުވާނުންގެ ހިއްސާއާ ބައިވެރިވުން އިތުރުކުރުމާއި، ގައުމާއި މުޖުތަމައުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރު އިތުރު ކުރެވޭނެ ގޮތްތައް ދެނެގަނެ، މައުލޫމާތުދީ ޒުވާނުން ބާރުވެރި ކުރުވުން ހިމެނެއެވެ.

އެގޮތުން، ކަމާގުޅޭ ދާއިރާތަކުގެ ފަންނީ ފަރާތްތަކުން މެދުވެރިކޮށް ސިމްޕޯޒިއަމްގެ ބައިވެރިންނަށް މައުލޫމާތާއި، ތަމްރީނު ދެމުންގެންދާ ދާއިރާތަކުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކުގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި، މުޖުތަމައުގައި ޒުވާނުންގެ ދައުރު އިތުރު ކުރެވޭނެ ގޮތްތަކާއި، ސްކައުޓް ހަރަކާތާއި އަދި ގާލް ގައިޑް ހަރަކާތުގެ ތެރެއިން ޒުވާން ޖީލުތައް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ދިނުން ހިމެނެއެވެ.

މި ސިމްޕޯޒިއަމްގެ ހޮނިހިރު ދުވަހުގެ މެންދުރުގެ ސެޝަންގައި އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލުން ސިމްޕޯޒިއަމެއް ފެށިއިރު، ޒުވާނުންގެ ދުވަހާ ގުޅިގެން ޔޫތު ކައުންސިލުން އިސް ނަގައިގެން ވަނީ މާލެއާއި އަތޮޅު ތެރޭގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގާފައެވެ.