ހިޔާ ފްލެޓްތައް ގާއިމް ކޮށްފައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަރަހައްދުގައި ހުޅުވި ފުރަތަމަ މިސްކިތް މިއަދު ހުޅުވައިފިއެވެ.

ދެވަނަ ފިޔަވައްސަށް ވަންނަ ބޮޑު މަގު ކައިރީގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި "މަސްޖިދުލް އަމީލް ޖަލީލް" މިސްކިތް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މި މިސްކިތަކީ އޮގަސްޓު 24، 1994 ގައި ނިޔާވި ގ. ފަހިވާގެ، އަހްމަދު އަމީލް ޖަލީލްގެ ނަމުގައި އޭނާގެ ދެކުދިން އިމާރާތްކުރި މިސްކިތެކެވެ.

މި މިސްކިތުގެ އެތެރޭގައި 480 މީހުންގެ ޖާގައެއް އޮންނައިރު، ހަރިންމައިގެ ތެރޭގައި 650 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ. މި މިސްކިތުގެ ދެވަނަ ފަންގިފިލާގައި ކްލާސްރޫމަކާއި ލައިބްރަރީއެއްވެސް ހަދާފައި ހުރެއެވެ.

އިސްލާމިކް މިނިސްޓްރީން ދަނީ ދެވަނަ ފިޔަވަހީގެ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ވަގުތީ ތިން މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.