މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަ ކުރުމަށްޓަކައި ވެލާނާ އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް ހިދުމަތް ކުރެއްވި ގިނަ ބޭފުޅުން ބައިވެރިވިއެވެ.

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ފްރާންސްގެ އުމުރުން 42 އަހަރުގެ ވިންސެންޓް ޕިޓާއު އެވެ. މިއީ އޭނާ ރާއްޖެއަށް އައި 20 ވަނަ ފަހަރު ކަމަަށްވާއިރު، އޭނާ ރާއްޖެއަށް އައީ އޭނާގެ އަންހެނުންނާ އެކު ކްލަބް މެޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށެވެ.

މިއީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާލިފަހުން އެއް މިލިއަން ފަތުރުވެރިން ހަމަވި ފުރަތަމަ ފަހަރެވެ. މީގެ ތެރެއިން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި ގައުމަކީ އިންޑިއާއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް ރާއްޖެއަށް އައިސްފައިވަނީ 6،000 ފަތުރުވެރިންނެވެ. އަދި އެވަރެޖް ކޮށް 8.9 ދުވަހު ފަތުރުވެރިން ރާއްޖޭގައި މަޑު ކުރެއެވެ.

ސަރުކާރުން މިއަހަރަށް އެންމެ ފުރަތަމަ ކަނޑައެޅީ ދޮޅު މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.