ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށް ދެމުންދާ ދިރާގުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާބާދުވަމުންދާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަންއެއް ހުޅުވާލައިފައެވެ.
ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން އަގު ހުރި އިނާމުތައް ދިނުމަށް ހަމަޖެހިފައި ވަނީ ގުރުއަތު ނަގައިގެން ހޮވޭ 3 ކަސްޓަމަރަކަށް ކަމަށެވެ. އަންނަ މަހުގެ 15 ގެ ކުރިން ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތައް އެދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ފައިސާގެ އިންމު ދިނުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެ ގޮތުން ފުރަތަމަ ނަސީބުވެރި ފަރާތަކަށް 25،000 ރުފިޔާ ލިބޭ އިރު، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000 ރުފިޔާ އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރެއް ވެސް ލިބޭނެއެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑާ) އެއް ވެސް ލިބޭނެއެވެ.
މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކާ ގުޅާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ. އަދި އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓް، އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ލިބިގެން ދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް އެކުންފުނިން ބުނެއެވެ.