އިންޑިއާގެ އަފްރީން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް، އެމްޓީސީސީން ވަޒީފާގެ ފުރުސަތު ހުޅުވާލައި އިއުލާނެއް ކޮށްފައި ނުވާނެ ކަަމަށާއި އެއީ ސްކޭމެއް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، އިންޑިއާގައި އެފަދަ އިއުލާނެއް ކޮށްފައިވާ ކަމަށާއި އެ އިއުލާނުގައި މީހުން ހޯދުމަށް ޖަހާފައިވާ މަގާމުތަކަށް ދޭ މުސާރައަކީ ވަރަށް ބޮޑު މުސާރައެއް ކަމަށް ބުނެ ދުވަހު ނޫހެއް ކަމަށްވާ 'ދިޔަރެސް' ނޫހުން ޝާއިއު ކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ. މި ކަމާ ގުޅިގެން އާޒިމް ވިދާޅުވީ އެއީ އެމްޓީސީސީގެ އިއުލާނެއް ނޫން ކަމަށާއި އެ އިއުލާނަކީ ސްކޭމެއް ކަމަށެވެ. އަދި އަފްރީން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުނި މެދުވެރިކޮށް އެމްޓީސީސީން މުވައްޒަފުން ނުނަގާ ކަމުގެ ޔަގީން ކަން ވެސް އާޒިމް ދެއްވިއެވެ.
އެމްޓީސީސީން މުވައްޒަފުން ހޯދަން ކޮށްފައިވާ އިއުލާނުގައި ވަނީ، 36 ދާއިރާއަކުން މުވައްޒަފުން ހޯދުމަށް އިއުލާނު ކޮށްފައެވެ. އޭގެ ތެރޭގައި ސުަޕަވައިޒަރަަކަށް 1700 ޑޮލަރު، ސިވިލް އިންޖިނިއަރުންނާއި މެކޭނިކަލް އިންޖިނިއަރުންނަށް 1600 ޑޮލަރު، އަދި ފޯމަނުންނަށް 1200 ޑޮލަރު ދޭނެ ކަމަށް އިއުލާނުގައި ވެއެވެ. އެންމެ ދަށް މުސާރައެއްގެ ގޮތުގައި އެ އިއުލާނުގައި އޮތީ ކްލީނަރަށް ދޭ މުސާރައެވެ. އެއީ 450 ޑޮލަރެވެ. ހަމައެއާއެކު ހެލްޕަރަކަށް 500 ޑޮލަރު، އޮފީސް ބޯއީ އަށް 550، އަދި ކޭޝިއަރަކަށް 750 ޑޮލަރު ދޭ ގޮތަށް އެ އިއުލާނުގައި ވެއެވެ.
މިއީ ރާއްޖޭގައި މި މަގާމުތައް އަދާ ކުރާ މީހުންނަށް ދޭ އުޖޫރައާ ބަލާފައި ބޮޑު އަދަދެއް ކަމުން ގިނަ ބަޔަކު އަންނަނީ މި ކަމާ މެދު ސުވާލު އުފައްދަމުންނެވެ.
މިފަދަ މައްސަލައެއް ފެންމަތި ވެފައިވާ އިރު، އެއީ ސްކޭމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ ކުރިން އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި އިބްރާހިމް ޒިޔަތު ހުންނެވި ދުވަސްވަރު ރާއްޖެއިން ބޭރުން މުވައްޒަފުން ހަމަޖެއްސުމުގައި ކޮރަޕްޝަންގެ ކަންކަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭސީސީން ވަނީ އެ މައްސަލަ ޕީޖީއަށް ފޮނުވާފައެވެ.
އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެމްޓީސީސީން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ބިދޭސީން ރެކްރޫޓް ކުރުމަށް ރެކްރޫޓްމަންޓް އެޖެންސީތަކާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް، އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް، ކަން ކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ.