ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމަށް އިންތިޒާމްކޮށްގެން ހިންގާ 'ފިންކް ރިބަން ރަން-ވޯކް' އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.
ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ވަނީ އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން، މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަަރުގެ އިވެންޓް ވެސް ކުރިޔަށް ދާނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ. މި އިވެންޓް މި މަސް ނިމެންދެން ކުރިޔަށް ދާއިރު، ބައިވެރިންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީކުރުމަށްފަހު ބޭންކުން ކަނޑައަޅާފައިވާ ޕޭމަންޓް ނިޒާމުގެ ދަށުން ސީއެސްއެމް އަށް ފައިސާގެ އެހީތެރިކަން ދެވޭނެ އިންޒިތާމް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރާ މަސައްކަތުގައި ހަވަނަ އަހަރުވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަަމަށެވެ.
މި ޕާޓްނާޝިޕް ގެ ދަށުން ސީއެސްއެމް އިން ވަނީ ބީއެމްއެލް ގެ މުވައްޒަފުންނަށް ހިލޭ ކެންސަރު ސްކްރީން ޕްރޮގްރާމެއް ބާއްވާފައެވެ. ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދިނުމަށް މައުލޫމާތު ސެޝަންތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.
2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެެވެ. މިއީ ބީއެމްއެލް އިން ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަސް ވަނަ އަހަރެވެ.