ކޮވިޑު ޖެހިގެން ރޭ އައްޑޫ ސިޓީއިން މަރުވި މީހާގެ ހަށިގަނޑުގައި އަނިޔާތަކެއް ހުރި މައްސަލަ އާއިލާއިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ 2:13 ހާއިރު މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މި މަހުގެ ތެރޭގައި ކޮވިޑްގައި އައްޑޫން މަރުވި ފަސް ވަނަ މީހާއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީއިން ކޮވިޑް ބަލީގައި މަރުވި 81 އަހަރުގެ މީހެއްގެ ހަށިގަނޑުގައި އަނިޔާތަކެއް ފެންނަން ހުރި ކަމަށް ބުނެ އެ މީހާގެ އާއިލާއިން މިއަދު ހެނދުނު ފުލުހަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން މި މަހުގެ ތެރޭގައި އައްޑޫން އެ ބަލީގައި މީހަކު މަރުވީ މިދިޔަ އަންގާރަ ދުވަހުއެވެ. މިހާރު މި ބަލީގައި މުޅި ރާއްޖޭން މަރުވި މީހުންގެ އަދަދު ވަނީ 243 އަށް އަރައިފައެވެ.