2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެ ކަމުގެ ޔަގީންކަން އެބްއޮތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެހެން ވިދާޅުވީ ޕީޕީއެމް އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި "ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ޕީޕީއެމްއެމް އަކީ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާ ޕާޓީއެއް ކަމަށާ، ޕީޕީއެމްގެ ރައީސް ޔާމީން އަކީ ދިވެހި ރާއްޖޭގެ ގިނަ ރައްޔިތުން ތާއީދު ކުރާ ލޯބިވާ ރައީސްއެއް ކަމަށެވެ.

މިއަދާ ހަމައަށް އައިއިރު ވަރަށް ބޮޑު ކާމިޔާބީތަކެއް ލިބިފައިވާ ކަން ފާހަގަކުރައްވާ މުއިއްޒު ވިވާޅުވީ ރައްޔިތުންނަށްޓަކާ 5 އަހަރު ވެރިކަމެއްގައި، ދުވަހަކުވެސް ދެކިފާ ނުވާ ތަރައްގީ ޕިޕީއެމްގެ ވެރިކަމެއްގައި ހޯދާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ޕިކުރަކީ ސަރުކާރު ޖަވާބު ދާރީ ކުރުމަށް މަސައްކަތް ކޮށް، ގައުމުގައި ހިނގާ ރައްޔިތުންނަށް ގެއްލުން ހުރި، ގައުމަށް ގެއްލުން ހުރި ސިޔާސަތާ ދެކޮޅަށް އަޑު އުފުލާ، ވާހަކަ ދައްކާ، ރައްޔިތުން ޒިންމާދު ކުރުވުން ކަމަށެވެ.

ބޮޑެތި މައްސަލަތަކުގައި ވާހަކަ ދައްކަވަމުން މިދަނީ، އެހެން ނަމަވެސް ސަރުކާރަކުން އެއަކަށް އިޖާބައެއް ނުދޭ، އެއީ ޑިމަކުރަސީގެ ރީތި ސިފަ މި ސަރުކާރުން ގަބޫލު ނުކުރަނީ ކަމަށް ބެލެވެނީ، އެއީ ޑިމަކުރަސީއެއްގަ ވިއްޔާ ޒިންމާދާރު، ވާދަވެރި ޕާޓީގެ އަޑުއަހާނެ، ކޮލިޝަންގެ އަޑު އަހާނެ، މި ގައުމީ މައްސަލަތަކުގަ، އަދި އެހެން ސިޔާސަތު ތަކުގަ ވެސް އެދައްކާ ވާހަކަތަކެއްގަ ހުރި އޮއްޓަރެއް ބަލާފަ، ރަނގަޅުކަންކަން ބަލައިގަންނާނެ ދުނިޔޭގެ ތައުޒީބު ޑިމޮކުރަސީތަކުގަ، ޕީޕީއެމްއިން ކޮންމެ ވާހަކައެއް ދެއްކިއަސް ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ކުރަނީ، އެހެންވީމަ ޑިމޮކުރަސީގެ ހަމަތައް ގަބޫލުނުކުރާ ކަމަށް މިފެންނަނީ
ޑރ. މުހައްމަދު މުއިއްޒު

ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށާ އިންސާފުވެރިކަމާ އެކު ޝަރީއަތް ނިމި އެމަނިކުފާނު މިނިވަންވާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި 2023 ގައި ޕީޕީއެމްގެ ފަރާތުން ގައުމުގެ ކަންކަމަށް ކުރިމަތިލައްވާ ކެންޑިޓޭއްގެ ގޮތުގައި ޔާމިން ނިކުމެ ވަޑައިގެންނަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ލީޑާޝިޕުން ވާހަކަ ދައްކަނީ ރައީސް ޔާމިން ދެއްވާ އިރުޝާދުގެ ދަށުން ކަމަށާ، އެމަނިކުފާނު ވިދާޅުވާނީ ގައުމީ ބޮޑެތި މައްސަލަތަކުގައި އިހުތިޖާޖު ކުރުމަށް ކަމަށެވެ. އަދި މިހާރު މިއޮތީ ގައުމީ މިނިވަންކަން ގެއްލޭ ހިސާބުގައި ކަމަށާ، މިނިވަންކަމުގެ ދިފާއުގައި އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ފެށި ހަރަކާތް އިތުރަށް ފުޅާ ކޮށް ވަރުގަދަކޮށް މިސަރުކާރު ޖަވާބުދާރީ ކުރުވަން ހުރިހާ ރައްޔިތުން އަތްކުރި އޮޅާލުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

މިވަގުތު ގައުމަށް މުހިންމީ ސިޔާސީ ހިޔާލު ތަފާތު ވުމަށްވުރެ މިއޮތް ބޮޑު މައްސަލާގަ ވީހަވެސް ގިނަ މީހުން އެކަތިގަނޑަކަށްވުން، މިނިވަންކަން ދިފާއުކުރަން ޔާމިން ފެށި ހަރަކާތް ފުޅާކޮށް ބައިވެރިވުން،
ޑރ. މުހައްމަދު މުއިއްޒު

ޕީޕީއެމްއަށް މިއަދު 10 އަހަރު ފުރިފައި ވާއިރު 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ހާއްސަ ހަރަކާތެއް ބޭއްވުމަށް ޕީޕީއެމްއިން އަންނަނީ ތައްޔާރު ވަމުންނެވެ. ޕީޕީއެމްއަށް 10 އަހަރު ފުރުމާ ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިރޭ 09:00 ގައި ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ޕީޕީއެމް ޖަގަހަ ތަކުގައި ވެސް އެގަޑީގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް އެޕާޓީން ބުނެއެވެ.