ހާރިޖީ ސިޔާސަތު ހަރުދަނާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފޮރިން ސާވިސްގެ ބިލް، މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ހުށަހެޅުއްވި މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ވޯޓުންނެވެ.

ފޮރިން ސާވިސް ބިލްގައި ހިމެނޭ ކަންތައްތައް

  • ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމްކުރުން
  • އެ ހިދުމަތް ރޭވިފައިވާ ގޮތުގެ އޮނިގަނޑެއް އެކުލަވާލުން
  • އެ ހިދުމަތާ ގުޅޭ އުސޫލުތަކާއި، މުވައްޒަފުންނާ ގުޅޭ އުސޫލުތައް ކަނޑައަޅައި، އޮނިގަނޑެއް އެކުލަވާލުން

ފޮރިން ސާވިސްގެ ބިލް ގާނޫނަކަށް ވުމަށް ފަހު، ފޮރިން ސާވިސްގެ ނަމުގައި، ފޮރިން މިނިސްޓްރީ އާއި، ރާއްޖޭގެ މިޝަންތަކާއި، ކޮންސިއުލަރު ޕޯސްޓުތަކާއި ގާނޫނުގެ ދަށުން، ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމް ކުރެވޭނެއެވެ.

އެ ގާނޫނުގެ މަގްސަދުތައް

  • ރާއްޖެއާއި ސަރަހައްދުގެ މިނިވަންކަން ދެމެހެއްޓުން
  • ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ސިޔާދަތަށް އިހުތިރާމް ކުރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި ރައީސަށް އެހީވުން

އެ ބިލުގައިވާ ގޮތުން، ފޮރިން ސާވިސްގެ މުވައްޒަފުންގެ ތެރެއިން މުސްކުޅި ކުރާ މުވައްޒަފުންނަށް އިނާޔަތް ދޭންވާނީ ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، އެގޮތުން ފޮރިން ސެކްރެޓަރީ ކަމަށް ކަނޑައެޅޭ މީހަކީ ފޮރިން މިނިސްޓްރީގައި މަދުވެގެން ދިހަ އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ. އެ ބިލު ގާނޫނަކަށް ވުމުން، ފޮރިން ސާވިސްގެ އެންމެ އިސްވެރިއަކަށް ވާނީ ފޮރިން ސެކްރެޓަރީއެވެ.

ފޮރިން ސެކްރެޓަރީގެ ޒިންމާތައް

  • ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަހިނގާނުހިނގާ ގޮތް ބެލުމުގައި ރައީސަށް އެހީތެރިވުން
  • ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް ލިބެންހުރި ފުރުސަތުތައް ދެނެގަތުން
  • ގައުމީ މަސްލަހަތު ކުރިއެރުވޭނެ ގޮތްތައް ހޯދައި ބެލުން
  • ހާރިޖީ ކަންކަމުގައި ރައީސަށް ލަފާދިނުން

ފޮރިން ސެކްރެޓަރީ އައްޔަން ކުރައްވާނީ މިނިސްޓަރުގެ ލަފާގެ މަތިން، ރައީސެވެ.

މި ބިލުގައިވާ ގޮތުން، ސަފީރުންގެ ވަޒީފާއަށް ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސް އިން ބޭރުންވެސް މީހުން އައްޔަން ކުރެވޭނެއެވެ. ނަމަވެސް ފޮރިން ސާވިސް އިން ބޭރުން އައްޔަން ކުރާ ސަފީރުން ވެރިކަން ބަދަލުވުމަށް ފަހު އިސްތިއުފާ ދޭން ޖެހޭނެއެވެ.