ކްރެޑިޓް ކާޑް ކަސްޓަމަރުންނަށް އަމާޒުކޮށް، ބޭންކް އޮފް މޯލްޑިވްސް އިން "ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި ލޯޔަލްޓީ ޕްރޮގްރާމެއް މިއަދު ތައާރަފް ކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، ދުނިޔޭގެ 55 ގައުމެއްގައި ލޯޔަލްޓީ ޕްރޮގްރާމް ހިންގަމުންދާ ގިފްޓް އާ ގުޅިގެން ބީއެމްއެލުން ފެށި މި ލޯޔަލްޓީ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ، އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޯޔާ ވިދާޅުވީ މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ ލޯޔަލްޓީ ޕްރޮގްރާމް ކަމަށާއި، މި ޕްރޮގްރާމް ތައާރަފް ކުރުމުގެ ފުރުސަތު ބޭންކަށް ލިބުމަކީ އުފަލެއް ކަމަށެވެ. ބޭންކެއްގެ ގޮތުގައި އަބަދުވެސް ބީއެމްއެލް އަންނަނީ ތަފާތު ގޮންޖެހުންތަކާއި އެކުވެސް ކުރިއެރުންތައް ހޯދަމުން ކަމަށް، ސޯޔާ ފާހަގަ ކުރެއްވިއެވެ.

އަދި ކްރެޑިޓް ކާޑަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ފަސޭހަ ކަމާއެކު ބޭނުންކުރެވޭ ކާޑަކަށް ވާއިރު، އުންމީދަކީ ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުން މި ޕްރޮގްރާމްގައި ބައިވެރިވުން ކަމަށްވެސް، ސޯޔާ ވިދާޅުވިއެވެ.

"ފާއިތުވި ދުވަސްތަކުގައި މި ލޯޔަލްޓީ ޕްރޮގްރާމް ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދިނުމަށް މި ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އަދި އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ކަސްޓަމަރުން ބީއެމްއެލް ރިވޯޑްސްގެ ފައިދާ ހޯދަމުން ދިޔުން."
ޓިމް ސޯޔާ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު

ބީއެމްއެލްގެ ކްރެޑިޓް ކާޑުން ކުރާ ކޮންމެ ވިޔަފާރިއަކުން

  • 945 އެއާލައިންގެ ތެރެއިން ބޭނުން އެއާލައިނެއްގެ ޓިކެޓު ގަނެވޭނެ
  • 650،000 އަށް ވުރެ ގިނަ ހޮޓަލުގެ ތެރެއިން ބޭނުން ހޮޓަލަކަށް ބުކިން ހެއްދޭނެ
  • ބޭރު ގައުމުތަކުގައި ކާރު ރެންޓަލް ހިދުމަތް ބޭނުން ކުރެވޭނެ
  • އެޕަލް، ގޫގުލް ޕްލޭ، އަދި ޕްލޭސްޓޭޝަން ފަދަ ހިދުމަތްތަކުގެ ގިފްޓު ކާޑުތައް ގަނެވޭނެ

ބީއެމްއެލުން ބުނީ، އެ ބޭންކުގެ އެމެރިކަން އެކްސްޕްރެސް އާއި މާސްޓަކާޑާއި، ވިސާ ކާޑު ގެންގުޅޭ ފަރާތްތަކުގެ ތެރެއިން، ކްރެޑިޓް ކާޑު ގެންގުޅޭ ކޮންމެ މީހަކަށްވެސް މި ޕްރޮގްރާމްގައި ރެޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި މިހާރުވެސް ކްރެޑިޓް ކާޑުން ހިދުމަތް ލިބިގަންނަ މީހުންނަށް މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭ އީމެއިލެއްވެސް ފޮނުވާނެ ކަމަށެވެ.

މިއަދު ތައާރަފްކުރި ލޯޔަލްޓީ ޕްރޮގްރާމްގެ އިތުރުން، ބީއެމްއެލުން ވަނީ އިއްޔެ ވަކި ލިމިޓެއް ނެތި ޑޮލަރުން މުއާމަލާތު ކުރެވޭނެ ވިސާ ކްރެޑިޓް ކާޑުވެސް ތައާރަފް ކޮށްފައެވެ.