ރާއްޖެއަށް ކަނޑުމަގުން 100 ކިލޯގެ މަސްތުވާތަކެތި އެތެކުރަން އުޅުނު މައްސަލާގައި މިމަހުގެ 13 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 3 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބަންދުގެ މުއްދަތު ޖަހާފައިވާ 3 މީހުންނަނީ ލ. ކަލައިދޫ، ޖަނަވަރީމާގެ މުހައްމަދު އަހްމަދު (34އ) އަދި ނ. ވެލިދޫ، ބީޗްހެވެން ޖުމާން މުސްތަފާ (19އ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ. އަދި ގއ. ކޮލަމާފުށި، ސޯސަންގެ އިބްރާހިމް ޒައިދު ހަބީބް (25އ)ގެ ބަންދު މުއްދަތު ވަނީ އިތުރު 5 ދުވަހަށް އިތުރުކޮށްފައެވެ.

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރިއެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފައެވެ. އަދި އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދޫކޮށްލި ދެމީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެމީހުން ކަމަށާއި، އެހެންވެ އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މީގެއިތުރުން މިމައްސަލާގައި ހައްޔަރުކުރި ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވެސް ވަނީ އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފައެވެ. ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.