މިދިޔަ ހަފްތާގައި 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މައްސަލާގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން އިތުރު އެކަކު ދޫކޮށްލައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހިމް، (26) އެވެ.

މިދުހަތު ދޫކޮށްލާފައި ވަނީ ކޯޓު ޖަހާފައިވާ 10 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިކުރުމުން، މިވަގުތަށް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ކަނޑުމަގުން 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން އަށް މީހަކަށް ބަންދު ޖަހާފައި ވާއިރު، އެ މައްސަލާގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ކުރިން ވަނީ ދޫކޮށްލައިފައެވެ. އެ މައްސަލަ އިސްތިއުނާފު ނުކުރާއިރު ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީން ނިންމީ ދަށު ކޯޓަށް ހުށަހެޅި ހެކިތަކަށް ބެލުމަށް ފަހު، އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅި ނަމަވެސް، ނަތީޖާއެއް ނުކުންނާނެ ކަމަށް ނުފެންނާނެތީ ކަމަށެވެ.

އަދި އެ ދެ މީހުންނާ ދެކޮޅަށް އިތުރު ހެކި ލިބިއްޖެ ނަމަ، އަލުން ހައްޔަރުކުރުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު އޮންނާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ 2 މީހުން ދޫކޮށްލުމާއެކު ވަނީ ފުރައިގެން ދުބާއީއަށް ގޮސްފައެވެ.

އެ މައްސަލާގައި ދިހަ މީހުން ހައްޔަރުކުރުމުގެ އިތުރުން ފުލުހުން ވަނީ ފަޅު ރަށެއް ހިމެނޭހެން ދިހަ ތަނެއް ބަލާ ފާސްކޮށްފައެވެ. އެގޮތުން މާލެއާއި ފަޅު ރަށްރަށާއި ސަފާރީ ފަދަ ތަންތަން ބަލާ ފާސްކުރި އިރު، އެ މަސްތުވާތަކެތި ފެނުނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައެވެ.