ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި ވާ މަސްތުވާތަކެއްޗާ ބެހޭ ބިލަށް މަރުގެ އަދަދު ދޭ އިސްލާހެއް ހުށަހެޅުމަށް މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްއު އަންގަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، "މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު. އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި." ވާ ކަމަށެވެ.
މިހާރު މަޖިލީހަށް ހުށަހަޅާ އޮތް ބިލުގައި މަސްތުވާތަކެތީގެ ކުށްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައި ވެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް އަދަބަކީ، މަސްތުވާތަކެތި ބޭނުން ކުރާ ތަނެއް ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭ މީހުން ދިގު މުއްދަތަކަށް ޖަލަށް ލުމާއެކު 200،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭގޮތަށް ހުށައަޅާފައި ވުމެވެ.
އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ އާލާތްތަކާއި މަސްތުވާތަކެތި ވަކިތަނެއްގައި ފޯރުކޮށްދީފި ނަމަ ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމަކާ އެކު 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ.
އަދި އެއީ އެފަދަ ތަނެއްކަން އެނގި ހުރެ އެތަނަކާ ހަވާލުވެ ހުރި ފަރާތަކުން ނުވަތަ އެވަގުތަކު އެތާނގައި އުޅޭ ފަރާތަކުން އެކަން ހުއްދަކުރުމަކީ ނުވަތަ މަގުފަހިކޮށްދިނުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެ ކުށަށް 10 އަހަރުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ވެސް ހިމަނާފައި ވެއެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗަށް ފައިނޭންސް ކޮށްފިނަމަ 20 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާ އާއި 1 މިލިއަނާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާއެއް ކުރުންވެސް ހިމަނާފައި ވެއެވެ.
އެ ބިލަށް ހުށަހެޅުމަށް ރައީސް އިރުޝާދު ދެއްވާ އިސްލާހަކީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމުގެ އިސްލާހެވެ. ރައީސް ވިދާޅުވަނީ، އެފިޔަވަޅު އެޅުމަށް ލަފާ ދެއްވާ އެންމެ މުހިންމު އެއް ސަބަބަކީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރަން ބޭނުންފުޅުވުން ކަމަށެވެ.
ޔުނިސެފުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހަކުން 1 އަކީ ކޮންމެވެސް ސިފައެއްގައި މަސްތުވާތަކެއްޗަށް ހުށަހެޅިފައިވާ މީހެކެވެ.