އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރުވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ ތަހުގީގު ލ.އަތޮޅުގައި ޑިންގީއެއްގައި ދަތުރު ކުރަނިކޮށް ގެއްލިފައިވާ ކަމަށް ބުނާ މަރިޔަމް ޝިމާގެ ތަހްގީގަށް ވީގޮތަށް އާތްވަށް އަރައިގެން ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިމާ ގެއްލިފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. ޝިމާ ގެއްލުނީ ލ.ކައްދޫއިން ފުރައިގެން އެ އަތޮޅު މާމެންދޫއަށް ޑިންގީ އެއްގައި ދަތުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް އެ ޑިންގީގައި އޭނާއާއި އެކު ދަތުރު ކުރި އިބްރާހީމް ފަޒީލު ބުނެފައިވެއެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދަނގެތީގައި މަރާލާ ވަޅަކަށް ވައްޓާލައިފާ އޮތް މަހްމޫދުގެ މަރުގައި ބައިވެރިވަނީ އެންމެ ބިދޭސީއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މަހްމޫދުގެ އާއިލާ އިން ވަނީ މަހުމޫދު މަރާލައި ވަޅަށް އެއްލައިލީ ހަމައެކަނި ސާލިމް ކަމަށް އާއިލާގެ އެއްވެސް މީހަކު ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަހްމޫދު މަރާލީ ސާލިމް އެކަނިކަމަށް އާއިލާއަށް ގަބޫލު ނުކުރެވޭ ސަބަބުތަކާއި މެދު ފުލުހުން އިތުރަށް ސަމާލުވެ ތަހްގީގު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި މަހްމޫދުގެ ތަހްގީގު ލ. އަތޮޅު ޝިމާގެ ތަހްގީގަށް ވީގޮތަށް "އާތްވަށް" އަރައިގެން ނުދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ ކުރިންވެސް، ޝިމާއަށް ވީގޮތެއް މިހާ ގިނަ ދުވަސް ވީއިރު ނޭނގުނީ ކީއްވެތޯ އާ އެމައްސަލާގައި ހުރަސް އަޅަނީ ކާކުތޯ ޝަރީފް ވަނީ ސުވާލު އުފައްދާފައެެވެ.އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އާއި އަނިޔާވެރިގޮތަކަށް މަރާލާފައި ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސް އާއި ބްލޮގަރު ޔާމީން ރަޝީދު އަދި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އިތުރުން އެ ފަދަ އެތައް މައްސަލައަކަށް އިންސާފު ނުލިބި ލަސްވަމުންދާތީ އެކަމުގެ ވާހަކަތައް އާދަމް ޝަރީފް މަޖިލީހުގައި ތަކުރާރުކޮށް ދައްކަވައެވެ.