އުތުރުތިލަފަޅު އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާ އެއްބަސްވުމެއްކަން އިތުރަށް ސާފުވެފައިވާތީ އެ އެއްބަސްވުން ވަގުތުން އުވާލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ތިލަފަޅު އެގްރީމަންޓްތައް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު ރައްޔިތުން އެދެމުންދާއިރު، ޑިފެންސް މިނިސްޓަރު މާރިއާދީދީ ސޮއިކުރައްވާފައިވާ އުތުރުތިލަފަޅުގެ އެގްރީމަންޓް، ކޮމިޓީން ދިރާސާ ކުރުމަށް އެ ކޮމިޓީއަށް ނުދިނުމަކީ އަދި އެ ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެކޯލިޝަނުން ގަބޫލުކުރާގޮތުގައި އުތުރުތިލަފަޅުގެ އެގްރީމަންޓް ކަމަށް ބުނާ ލިޔުމެއް ސްކްރީނަކުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި އެ އެގްރީމަންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުސަތު ހޯދުމަކީ ކޮމިޓީއަށް ލާޒިމު ކަމެއް ކަމަށް ކަމަށް ވެސް އެބަޔާނުގައި ބުނެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ އެ އެގްރީމަންޓް، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ނުދިނުމަކީ އަދި ކޮމިޓީން އެ އެގްރީމަންޓް ހޯދާފައިނުވުމަކީ އުތުރުތިލަފަޅުގެ އެގްރީމަންޓާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ފެއިލްވެފައިވާކަން ހާމަވާ ކަމެއް ކަމަށެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅި ޕްރެޒެންޓޭޝަނުން އެނގުނުގޮތުގައި އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެއެވެ.

އިންޑިއާއިން ގެންނަ މީހުންގެ ތެރޭގައި އިންޑިއާ ސިފައިން ނުހިމެނޭކަމަށް ބުނެފައިނުވާއިރު، ޚާއްޞަކޮށް، ދިވެހި އަސްކަރިއްޔާގެމަރުކަޒެއްގައި އިންޑިއާގެ ސިފައިންނަށް ތިބުމަށް މަގުފަހިވާ އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއްނެތިސޮއިކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ހިލާފު ކަމެކެވެ. އެގްރީމެންޓްގެ ސަބަބުންރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަން ހާމަވާ ކަމެކެވެ. މިއީ މިކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަންކަމެވެ.ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަހު އުތުރުތިލަފަޅު ހިންގާނީ އިންޑިއާގެ ހައިކޮމިޝަނަރުގެ އިތުރުން އިންޑިއާގެއިތުރު މީހުން ހިމެނޭ ކޮމިޓީއަކުންނެވެ.
އިދިކޮޅު

އެހެން ކަމުން ރާއްޖޭގެ ދިފާއީ ބާރުގެ ފުރިހަމަ ބާރު އުތުރުތިލަފަޅަކަށް ނުހިނގާނެ ކަމަށާ އުތުރުތިލަފަޅަކީ އަސްކަރީ މަރުކަޒަކަށްވާއިރު، އެތަން ހިންގުމުގައި އިންޑިއާގެ ދައުރެއް ބޭއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެއެވެ. އޭގެއިތުރުން، އެއެއްބަސްވުމާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅަމުން، ރައީސް އިބުރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސޮއިކޮށްފައިވާ އުތުރު ތިލަފަޅާބެހޭ އެގްރީމަންޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިކުރައްވާފައިވާ އެގްރީމަންޓެއް ކަމަށް ދެއްކުމަށް އަސްކަރިއްޔާއިން ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

މިކަމުން ދޭހަވަނީ ދިވެހި އަސްކަރިއްޔާގެތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރުވަމުންދާކަމެވެ. ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުމަކީ އިއާދަނުކުރެވޭފަދަ ގެއްލުން ގައުމަށް ލިބިދާނެ ކަމެކެވެ. ދިވެހި އަސްކަރިއްޔާއަށް ވަސީލަތްތައް ހޯދުމުގެ މުހިންމުކަން ފާހަގަ ކުރަމެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިއަސްކަރިއްޔާ ބާރުވެރިކުރުވައި ތަރައްގީ ކުރެއްކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ނަމަވެސް، އިންޑިޔާއާއެކު ހަދާފައިވާ އެކްޝަން ޕްލޭންގައި، އުތުރުތިލަފަޅު ތަރައްޤީކޮށް އެތަން އޮޕަރޭޝަނަށް ގެނައުމުގައި އަދި އޭގެ ފަހުންވެސް، އެއްވެސްގޮތެއްގައި، އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން އުތުރުތިލަފަޅުގައި ތިބުމަށް އެއްބަސްވެފައެއް ނުވާނެއެވެ.
އިދިކޮޅު

އެފަދަ އެއްބަސްވުމެއްގައި ބޭރުގެ އެއްވެސް ގައުމަކާއެކު ރައީސް ޔާމީންގެ ސަރުކާރުން ސޮއި ނުކުރީ ގައުމުގެ ސިޔާދަތަށް ނުރައްކާވާތީ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި އިތުރަށް ބުނީ އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފަށް، ދިވެހިގައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭގޮތަށް ހަދާފައިވާ، އޭގެ ޒާތުގައި ބާތިލް އެގްރީމަންޓެއް ކަމަށެވެ. އެއެއްބަސްވުން އުވާލުމަށާ ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލުމަށް ދިވެހި ސަރުކާރަށް ކޯލިޝަނުން ތަކުރާރުކޮށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެއެވެ.

ހަމައެހެންމެ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއް ހަދާ، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ނާންގާ، އެތައް ދުވަހެއް ވަންދެން ސިއްރު ކުރުމަށްފަހު، އެކަން ދިފާއު ކުރުމަކީ ދިވެހި ގައުމަށް ހިޔާނާތްތެރިވެ، ގައްދާރުވެފައިވާ ހާއިނުންތަކެއްގެ ފިނޑި އަމަލެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެގައެވެ.

އެކަމުގައި ޝާމިލްވާ އެންމެން ވަގުތުން އިސްތިއުފާ ދިނުމަށް އިދިކޮޅުން ގޮވާލާފައިވާއިރު އެކޯލިޝަންގެ ވެރިކަމެއްގައި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2)އާ ހިލާފަށް ހަދާފައިވާ ހުރިހާ އެގްރީމެންޓްތަކެއް އުވާލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ވަނީ ދީފައެވެ.