ބޭރު ގައުމުތަކުން ރާއްޖެއަށް ހުރީ ކޮން ފުރުސަތުތަކެއްތޯ ބަލައި، ދިވެހި ރައްޔިތުންނަށް އެ ގައުމުތަކުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް، ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ސަފީރުންނަށް ފާޑު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ފޮރިން ޕޮލިސީގެ ބިލަށް ބަހުސް ކުރައްވަމުން، އަލީ ވަނީ ފޮރިން މިނިސްޓްރީގެ މަގާމުތައް ވަކި އާއިލާތަކަށް ދީފައިވާ ކަމަށް ވިދާޅުވެ، އެކަން މިހެން އޮއްވާ ފޮރިން ޕޮލިސީގެ ބިލް ފާސް ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކުރައްވާފައެވެ.

"އާއިލީ ވެރިކަން ނުނިމި އޮއްވާ އާއިލާގެ މީހުން ވަކި އާއިލާތަކަށް ނިސްބަތްވާ މީހުން ފޮރިން ސާވިސްގެ އެކި މަގާމުތަކަށް މަތިން ފެށިގެން ތިރިއަށް ފުރާލާފައި އޮއްވާ މި ބިލު ގެނެސް މި ބިލު ދާއިމީކޮށް އަޅުގަނޑުމެން އެ ހުރިހާ ކަމެއް ކުރީމާ ދެން މި ކުރެވެނީ ކޮން ކަމެއްތޯ؟"

ހަމަ އެއާއެކު، ނުފޯރާ ފޮތިން ފޫގަޅައިގެން އެކި ގައުމުތަކުގައި ރާއްޖޭގެ ހައި ކޮމިޝަންތައް ހަދައިގެން ތިބޭއިރު، ގައުމަށްޓަކައި ކުރެވެނީ ކޮން ކަމެއްތޯ އާއި، ހައި ކޮމިޝަންތައް ހަދަނީ ވަކި އާއިލާތަކަށް ވަޒީފާ ހަމަޖައްސައިދިނުމަށް ކަމަށް ވިދާޅުވެ، އަލީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެހެން ނަމަވެސް، އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކުރައްވަނީ ތައުރީފް ހައްގު މަސައްކަތެއް ކަމަށާއި، އެގޮތުން ބޭރުގެ ގައުމުތަކުގައި ރާއްޖޭގެ މަސްވެރިކަން ކުރި އަރުވައި، މަސްވެރިކަމަށް ހެޔޮ އަގު ހޯދުމަށް ކުރައްވާ މަސައްކަތް ފާހަގަ ކުރައްވައި، އަލީ ވަނީ ފަރަހަނާޒަށް ތައުރީފް ކުރައްވާފައެވެ. އަދި އެފަދައިން އެހެނިހެން ސަފީރުން މަސައްކަތްތައް ކުރައްވާނެ ނަމައޭ ހިތަށް އަރާ ކަމަށް އަލީ ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ބަލާ، އެއީ ހަމައެކަނި ވަކި ބަޔަކަށް ވަޒީފާ ދިނުމަށްޓަކައި ހަދާފައި ހުރި ތަންތަން ކަމުގައި ނުދެކި، ދިވެހިރާއްޖެއަށް އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމަށްޓަކައި އިންވެސްޓްމެންޓްތައް ހޯދައި ދިނުމަށްޓަކައި ދިވެހިރާއްޖޭން އުފައްދާ ޕްރޮގްރާމްތައް މާކެޓް ކުރުމަށްޓަކައި މަސައްކަތް ކުރައްވާ ކަމަށް ވާނަމަ، އަދި ދިވެހިންނަށް ދިމާވާ ދަތިތަކާ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށްވާނަމަ، ހަމަ ރަނގަޅުވާނެއޭ ހިތަށް އަރާ."

މީގެ އިތުރުން، އަލީ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނަންވާނީ ފޮރިން މިނިސްޓްރީގެ މަގާމަށް ހުސްވެގެން ކަމަށާއި، މާލީ މަންފާ ލިބޭ ދެވަނަ މަގާމެއް ވަޒީރުން ފުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން މި ބިލު ފާސްކުރަން އަދި ރަނގަޅެއް ނޫން ކަމަށްވެސް އަލީ ވިދާޅުވިއެވެ.

އަލީ މިހެން ވިދާޅުވިއިރު، މި މައްސަލައާ ގުޅިގެން ޝާހިދު ގޮވައިގެން ސުޕްރީމް ކޯޓަށް ދާން ނިންމާފައިވާ ކަމަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފައެވެ.