ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުންނާއި ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނައީ އިޖުރާއަތްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ވަކާލާތު ކުރައްވަމުން މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އަލީ ހުސައިން ވިދާޅުވީ، ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ އެކަން ކުރަން އޮންނަ އިޖުރާއަތާ އެއްގޮތަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެގޮތުން އެއް ދުވަސް ތެރޭ ބިލް ހުށަހަޅައި، އެއަށް ބަހުސްކޮށް ކޮމިޓީ މަރުހަލާ ނިންމައި މަޖިލީހުން ބިލް ފާސްކުރި ކަމަށާއި އަދި އެ ދުވަހުން ދުވަހަށް އިސްލާހު ތަސްދީގު ކުރެއްވުމުން އެކަން ސާފުކޮށް ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ މައްސަލަ ކޯޓުން ބަލައިފިނަމަ، އެއީ ކޯޓަށް ނެތް ބާރެއް ބޭނުންކުރުން ކަމަށް ވެދާނެތޯ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސުވާލު ކުރެއްވުމުން އަލީ ހުސެއިން ވަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އުފައްދަނީ ދުސްތޫރީ ސުވާލެއް ކަމަށާއި އެފަދަ ދުސްތޫރީ ސުވާލުތަކާ ގުޅޭ މައްސަލަތަކުގެ އިހްތިސޯސް ސުޕްރީމް ކޯޓަށް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ބުނެފައިވާއިރު މިއަދު ވެސް އެކަން ވަނީ ތަކުރާރު ކޮށްފައެވެ. ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ގާނޫނު އަސާސީ އިސްލާހުކުރުމަކީ މަޖިލީހަށް ލިބިދޭ ބާރެއްކަން ފާހަގަ ކުރައްވާ ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނު އަސާސީއަށް މަޖިލީހުން ބަދަލު ގެނެސްފައިވަނީ އެ މަޖިލީހުގެ ގަވާއިދުތަކުގެ އިޖުރާއަތުތައް ފުރިހަމަކޮށްގެން ކަމަށް ފާތިމަތު ހަލީމް ވިދާޅުވިއެވެ.

މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވީ މަޖިލީހަށް ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ އަސާސީ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށާއި އެއާ ހިލާފަށް ގެންނަ އިސްލާހެއްގެ މައްސަލަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނައީ ގާނޫނު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން އެވެ.

ސުޕްރީމް ކޯޓަށް އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ތައާރަޒުވާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.