ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތްކޮށް ހަރުދަނާ މާލީ ނަތީޖާ އެއް ހޯދުނު ކަމަށާއި ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.
ޓިމް މިހެން ވިދާޅުވީ، މިއަދު ބޭންކް އޮފް މޯލްޑިވްސް އިން ބޭއްވި ހާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޓިމް ސޯޔާ އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަނީ ނިމިގެން ދިޔަ ކުއާޓަރުގައި ބޭންކުން ހޯދައިފައިވާ ކާމިޔާބީ އަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޓިމް ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ދާދި ފަހުން ތައާރަފު ކުރި ޑިޖިޓަލް ހިދުމަތްތައް ފާހަގަކުރައްވައި ކުރިން ލަފާ ކުރެވުނު މިންވަރަށް ވުރެ މާލީ ގޮތުން ރަނގަޅު ނަތީޖާއެއް ލިބުނު ކަން ހާމަކުރައްވާފައެވެ.
ދާދި ފަހުން ކޮންޓެކްޓް ސެންޓަރަށް ގެނައި އަޕްގްރޭޑާއި ތައާރަފު ކުރި ޑިޖިޓަލް ޕިން، އޮންލައިން ކާޑް ސާވިސް އަދި ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީ ކުރުން ފަދަ އޮންލައިން ހިދުމަތްތަކާ ގުޅޭ ގޮތުން އިތުރަށް ޓިމް ވިދާޅުވީ، ބީއެމްއެލްގެ ހިދުމަތުގެ ފެންވަރާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އެކަށީގެންވާ ފަދަ ބަދަލުތަކެއް އަންނަމުންދާ ތަން ފެންނަމުން ދާ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އަމާޒަކީ ވެސް އަދި މަސައްކަތް ކުރަމުން ދަނީ ވެސް ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ކަމަށް ޓިމް ވިދާޅުވިއެވެ. އަދި މި ލަނޑުދަނޑި ހާސިލް ކުރުމަށް ނުހަނު ބޮޑަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ޓިމް ވިދާޅުވިއެވެ.
މި ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ޓިމް ވިދާޅުވީ، ބޭންކު މިވަގުތު އޮތީ އަންދާޒާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ މިދިޔަ ކުއާޓަރާ އަޅާބަލާ އިރު 108 ޕަސެންޓް އިތުރު ވުމެއް ކަމަށް ޓިމް ވިދާޅުވިއެވެ.
މިއީ އެވަރެޖްކޮށް ލިބޭ ވަރަށް ވުރެ ބޮޑު ފައިދާއެއް ކަމަށާއި އަދި މިއީ ދައްކަން ޖެހި ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ލިބުނު ފައިސާ އިން ނިކުތް ނަތީޖާއެއް ކަމަށް ވެސް ޓިމް ވިދާޅުވިއެވެ. އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިދިޔަ ކުއާޓަރާ އަޅާބަލާ އިރު ނަތީޖާ ވެސް ރަނގަޅު އަދި އުއްމީދަކީ މިއަހަރު ނިމެންދެން ވެސް މި ކާމިޔާބީ ދެމެހެއްޓިގެން ދިއުން ކަމަށް ޓިމް ވިދާޅުވިއެވެ. ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި މި މުޖުތަމައަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ކުއާޓަރުގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން އިތުުރު 5 ޕްރޮޖެކްޓް އެވޯޑް ކުރިއެވެ. މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައުގެ ތަރައްގީ އަށް ކުރާ މަސައްކަތްތަކަށް އަމާޒުކޮށް މިހާތަނަށް 55 ޕްރޮޖެކްޓް ހިންގުމަށް މިވަނީ އެހީތެރިކަން ފޯރިކޮށްދީފައެވެ.
އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާ އިރު، މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެސް ވެގެންދާނެ ކަމަށް ޓިމް ފާހަގަ ކުރެއްވިއެވެ. ޓިމް އިތުރަށް ވިދާޅުވީ، މި ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށް މިއޮތް އަހަރެއްހާ ދުވަހު، ފާހަގަކޮށްލެވޭ މުހިންމު ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައި ކަމަށެވެ.