ފަތުރުވެރި ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މި އަހަރުގެ އުންމީދަކީ 1.3 ފަތުރުވެރިން ރާއްޖެ އައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވަމުން ދާތީ އެކަން ފާހަގަ ކުރައްވަމުންނެވެ. މައުސޫމް މީގެ ކުރިން ވިދާޅުވެފައި ވަނީ މި އަހަަރުގެ އަމާޒަކީ 1 މިލިއަން ފަތުރުވެރިން ރާއްޖެ އައުން ކަމަށެވެ. ނަމަވެސް މި މަސް ނިމުމުގެ ކުރިން 1 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެހެންކަމުން މި އަހަރުގެ ނިޔަލަށް އަންނާނެ ކަމަށް މީގެ ކުރިން އަންދާޒާ ކޮށްފައިވާ ލަނޑުދަނޑި އޮކްޓޯބަރު މަހަށް ހާސިލް ވާނެތީ ދެން އަންދާޒާ ކުރަނީ މިއަހަރު ނިމެންވާ އިރަށް 1.3 މިލިއަން ފަތުރުވެރިންނަށް ކަމަށް މައުސޫމް ވިދާޅުވިއެވެ.

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓު ކޮށްފައި ވަނީ 1،702،887 ފަތުރުވެރިންނެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ 555،494 ފަތުރުވެރިންނެވެ.

މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މި ވަނީ މިދިޔަ އަހަރު އައި ފަތުރުވެރިންގެ އަދަދުވެސް މުގުރާލާފައެވެ.

މީގެ ކުރިން މައުސޫމް ވަނީ 2022 ވަނަ އަހަރު ރާއްޖެ ޒިޔާރަތް ކުރާނެ ފަތުރުވެރިންގެ އަންދާޒީ އަދަދެއް ހާމަ ކުރައްވާފައެވެ. އެ ގޮތުން އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވާއިރު އެ އަހަރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު 13.5 މިލިއަނަށް އަރާނެ ކަމަށްވެސް މިނިސްޓަރު ވަނީ ލަފާ ކުރައްވާފައެެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް 962،490 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. އެހެންކަމުން މިހާރު 1 މިލިއަން ހަމަކުރަން ބާކީ އޮތީ 37،510 ފަތުރުރވެރިންނެވެ.