ގުރުއަތުން ހިޔާ މަޝްރޫއުގެ ފްލެޓް ލިބުނު މީހުން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށައަޅަން އެޗްޑީސީއިން އެދިއްޖެއެވެ.

އެޗްޑީސީއިން ވަނީ ހިޔާ މަޝްރޫޢުއިން ފްލެޓަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން މި މަހުގެ 14 ވަނަ ދުވަހު ގުރުއަތުން ނަގާފައިވާ ފަރާތްތަކުގެ އެގްރީމެންޓްގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތު “Hiya 7000 Portal” މެދުވެރިކޮށް ހުށަހަޅަން އެދިފައެވެ.

ގުރުއަތުން ފްލެޓް ލިބުނީ އަލަށް ފްލެޓް ލިބުނު 27 މީހުންގެ އިތުރުން އިތުރު 12 މީހުންނަށެވެ. އެއީ މީގެ ކުރިން ގުރުއަތުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ތިރީ ފަންގިފިލާތަކުން ފްލެޓް ހަމަޖައްސައި ދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތާވަލު ކުރެވިފައިވާ ފަރާތްތައް ކަމަށް މީގެ ކުރިން އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ ފްލެތް ލިބުނު ފަރާތްތަކުގެ ތެރެއިން 23 މީހަކު ވަނީ އެކި ސަބަބުތަކާ ހުރެ އެމީހުންނަށް ލިބުނު ފްލެޓް ދޫކޮށްލާފައެވެ.

ހިޔާ ފްލެޓް ލިބުނު ގިނަ އާއިލާތަކެއް ދަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލު ކުރަމުންވެ. އެގޮތުން 200 އަށް ވުރެ ގިނަ ޔުނިޓުގައި މިހާރު މީހުން ދިރިއުޅޭ އިރު 4000 އަށް ވުރެ ގިނަ ޔުނިޓުގައި ފިނިޝިން މަސައްކަތް ކުރަމުން އެބަދެއެވެ.