ކުރިއަށް އޮތް ތިން ދުވަހުސް ތެރޭ ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފަށާނެ ކަމަށް، ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެ. މިނިސްޓްރީން މިހެން ބުނީ ހދ. މަކުނުދޫގައި އެމްބިއުލާންސެއް ނެތުމުގެ ސަބަބުން، ރޭ ބަލިމީހަކު ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންދާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ހެލްތު މިނިސްޓްރީ އަށް ފާޑުކިޔައިފައެވެ.

މަކުނުދޫގެ އިތުރުން، ބައެއް އެހެނިހެން ރަށްރަށުގައި އެމްބިއުލާންސެއް ނެތުމުގެ ސަބަބުން، ނުވަތަ އެމްބިއުލާންސް ގްރައުންޑް ކޮށްފައި އޮތުމުގެ ސަަބަބުން، އެ ރަށްރަށުގައި ބަލިމީހުން ސިއްހީ މަރުކަޒުތަކަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

މިފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާއިރު، މިފަހުންވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ އެމްބިއުލާންސްގެ މައްސަލާގައި ކުއްލި މައްސަލައެއްް ހުށަހަޅާފައެވެ.

އެމްބިއުލާންސާއ ގުޅޭ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހެލްތު މިނިސްޓްރީން ވަނީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯ އާ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ހަވާލުކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ 20 އެމްބިއުލާންސް މާލެ ގެނެސްފައިވާއިރު، އެ 20 އެމްބިއުލާންސްވެސް ގެނެސްފައިވަނީ މިމަހުގެ 13 ގައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ސިއްހީ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.