އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ފުލުހުން ކުޑަ ކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ކުޑަ ކުއްޖަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން، އެކަން ހިނގާފައިވާ ގޮތާ ގުޅޭ މައުލޫމާތު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ސާފް ކުރަމުން ދާ ކަމަށްވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ފުލުހުން އަމަލު ކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައި ވާ ކަމަށް ތުހުމަތު ކުރެވޭނަަމަ، ފުރިހަމަ ތަހުގީގެއް ހިންގައި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯސަލް މީޑީއާގައި ދައުރު ވާ ވީޑިއޯ ހިއްސާކުރި ފަރާތުން ވަނީ އައްޑޫގައި ކޯޓު އަމުރަކާ ނުލައި ފުލުހުން ގެއަކަށް ވަދެ ބިޑިއަޅުވާ ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެފައެވެ. އަދި އެ ކުއްޖާ ދޫކޮށްލައިފައި ވަނީ އަނިޔާކުރާ އަޑަށް އެ ސަރަހައްދަށް މީހުން އެއްވުމުން ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

މިކަމުގައި ކަން ހިނގާ ދިޔާ ގޮތް އަދި ސާފެއް ނުވެއެވެ.